ގާސިމް ހުށަހެޅުއްވި ޕައިރަސީގެ ކުށުގެ ބިލުގެ ބަހުސް ފަށައިފި

"ޕައިރަސީ އާއި އެއާ ގުޅޭ އެހެން ކުށްތަކުގެ ބިލް"ގެ ނަމުގައި ސަރުކާރުގެ ފަރާތުން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.
ގާސިމް ހުށަހަޅުއްވި ބިލުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ އާއި އެހެން ގައުމެއްގެ ސަރަހައްދުގެ ގޮތުގައި ނުހިމެނޭ ކަނޑުތަކުގައި ހިންގާ ޕައިރެސީގެ ކުށްތައް ހުއްޓުވުމާއި އަދަބު ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
ބިލު ހުށަހަޅުއްވަމުން ގާސިމް ވިދާޅުވީ ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމަކީ ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގައި ޕައިރަސީގެ ހަރަކާތްތައް އިތުރުވެފައި ވާތީ އެކަމުގެ އުނދަގޫތައް ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވާތީ، ކަނޑުފޭރޭ މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފެންނަމުން ދިޔަނަމަވެސް އެ މީހުންނާމެދު އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް ގާއިމްވެފައި ނުވާތީ ކަމަށެވެ.
"އެފަދަ މީހުންނާމެދު އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް ނެތުމާއި ރާއްޖޭގައި ޕައިރަސީ އާއި އެއާ ގުޅޭ އެހެން ކުށްތަކާއި ކުށްތަކެއްކަން ބަޔާންކޮށްފައި ނެތުމުން އެފަދަ ކުށްތަކަކީ ރާއްޖޭގައި ގާނޫނީ ގޮތުން ކުށްތަކެއް ކަމަށް ކަނޑައަޅައި ޕައިރަސީގެ ކުށްތަކަށް އަދަބު ދިނުމުގެ ނިޒާމެއް ރޭވުމަކީ މި ބިލުގެ މަގުސަދެއް،" ބިލް ހުށަހަޅުއްވަމުން ގާސިމް ވިދާޅުވި އެވެ.
ބިލުގައިވާ ގޮތުން ޕައިރަސީގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. އަދި ޕައިރަސީ ކުށުގެ ތެރޭގައި މީހަކު މަރުވެއްޖެ ނަމަ، އެ އަމަލު ހިންގި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބުގެ އިތުރަށް 30 އަހަރަށް ޖަލަށްލުމެވެ.
ބިލުގައި އެހެން ބުނެފައިވާ މާއްދާއަށް މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދާއްދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވީ ޕައިރަސީގެ ކުށުގެ އަދަބެއްގައި މީހަކު މަރުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް މަރުގެ އަދަބު ދިނުމަށްފަހު އަނެއްކާވެސް 30 އަހަރަށް ޖަލަށްލުމަށް ބަޔާންކޮށްފައި އޮތުމުން އެއީ ހަމަނުޖެހޭ މާއްދާއެއް ކަމަށެވެ.
"އިސްލާމީ ޝަރީއަތުގައި އޮންނަނީ މީހަކު މަރައިފިނަމަ މަރުގެ އަދަބު. އެހެން އޮއްވައި މަރުގެ އަދަބު ދިނުމަށްފަހު އޭނާ ކަފުންކޮށްގެން ޖަލަށް ގެންގޮސް ވަޅުލަންވީތޯ. މިއީ ހަމަޖެހޭ ކަމެއް ނޫން. ގާނޫނު އަސާސީގައި ބުނެފައި ވެސް ވާނެ، އެއް ކުށަކަށް ދެ އަދަބެއް ނުދެވޭނެ ކަމަށް،" ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ޕައިރަސީގެ އަމަލެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމެއް ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށާއި ޕައިރެސީ އަމަލުތައް ރޭވައި އެހީތެރިވެއްޖެ މީހަކު 10 އަހަރަށް ޖަލަށްލެވޭނެ ކަމަށް އެ ބިލުގައިބުނެ އެވެ.
އާމްޑް ރޮބަރީ އަމަލެއް ހިންގައި، އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 30 އަހަރަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެ އެވެ. އަދި އާމްޑް ރޮބަރީ އަމަލެއްގައި މީހަކު މަރުވެއްޖެ ނަމަ އިސްމާލީ ޝަރީތުގައިވާ އަދަބުގެ، އިތުރަށް 30 އަހަރަށް ޖަލަށްލުމާއި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަމަލެއް ކުރި މީހަކު 25 އަހަރަށް ޖަލު ހުކުމެއް ތަންޒީފު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
ބިލުގައިވާ ގޮތުން ޕައިރަސީގެ އަމަލުތައް ހުއްޓުވުމުގެ ބާރާއި އެފަދަ މީހުން ހައްޔަރު ކުރުމާއި ޕައިރޭޓުންގެ އުޅަނދުތައް ހިފަހައްޓައި ބެލުމުގެ ބާރު ލިބިދީފައި ވަނީ ގައުމީ ދިފާއީ ބާރަށާއި ދިވެހި ފުލުހުންނަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ނުވަތަ އެއްވެސް ގައުމެއްގެ ސަރަހައްދެއް ކަމުގައި ނުވާ ސަރަހައްދަކުން ޕައިރަސީގެ ކުށުގެއް ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރު ކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވޭނަމަ، އެ މީހަކު ހައްޔަރު ކުރިތާ 24 ގަޑިއިރު ތެރޭގައި އޯޑިއޯ ނުވަތަ ވީޑިއޯގެ ޒަރިއްޔާއިން އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ އެދެންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކަނޑުފޭރުމުގެ މައްސަލަތަކުގައި ސިފައިން ހައްޔަރު ކުރާ މީހުން ހަވާލު ކުރަންޖެހޭނީ ފުލުހުންނަށް ކަމަށް އެ ބިލުގައި ބުނެ އެވެ.
ބިލުގައި ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ބިރެއް ދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން، އޭނާގެ ބާރުގެ ދަށަށް އުޅަނދެއް ގެނެސްފިނަމަ އެއީ ރަހީނު ކުރުން ކަމަށް ބެލެވޭނެ އެވެ. އަދި އުނޅަދެއް އެއްތަނުން އަނެއްތަނަށް ދިއުމަށް ހުރަސްއެޅުމަކީ ވެސް ކުށެއް ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ. އަދި އެފަދަ ކުށުގެ އަދަބެއްގެ ގޮތުން އެ އަމަލު ހިންގި މީހަކު 15 އަހަރަލަށް ޖަލަށްލެވޭނެ ކަމަށާއި ރަހީނު ކުރުމާއި އުނޅަދަކަށް ގެއްލުން ދިން މީހެއްގެ އަތުން ބަދަލު ނެގޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ