ހާލާ ހަމީދު، އަބްދުﷲ ރިޔާޒް އަށް މުހިންމު ސުވާލެއް ކުރިމަތިކޮށްފި

ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަށް މުހިންމު ސުވާލެއް ކުރިމަތިކޮށްފިއެވެ.
ޑރ.ހާލާ އެކަމަނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައި ވަނީ ކޮންމެ ފުރާނައަކީ ވެސް މާތް ފުރާނައެއް ކަމަށާއި ކޮންމެ އަނިޔާވެރި މަރަކީ ވެސް ހިތާމައެއް ކަމަށެވެ. އެއީ ކާކުގެ މަރެއްތޯ ބެލުމެއް ނެތި ކުށްވެރިކުރަން ޖެހޭ އަމަލެއް ކަން ފާހަގަކުރައްވާ ހާލާ ވިދާޅުވީ ގާތިލުން އިންސާފަށް ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޑރ.ހާލާ ވިދާޅުވީ މާރާމާރީ ސިލްސިލާގެ އެންމެ އަނިޔާވެރި އެއްގަތުލަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމްގެ ގަތުލު ކަމަށެވެ.
"އެންމެ ބޮޑު ތަޙްޤީޤެއް ހިންގީ އެމަރުގެ ޤާތިލުން ހޯދުމަށް އޭރުގެ ސީޕީ އަބްދުﷲ ރިޔާޒް. ނަމަވެސް ތަޙްޤީޤު ނިމުމަކަށް ގެނައުމަށް އޭނާގެ ކުޅަދާނަކަމެއް ފެނިފައެއް ނުވޭ." ޑރ.ހާލާ ވިދާޅުވިއެވެ.
ޑރ.ހާލާ ވިދާޅުވީ އެހެންކަމަށް ވީއިރު އިދިކޮޅު ފަރާތްތަކުގައި ހުރެ އަބްދުﷲ ރިޔާޒް އެދަައްކަވަނީ ކޮން ވާހަކަތަކެއްތޯ ސުވާލު ކުރެވޭ ކަމަށެވެ.
ޑރ.އަފްރާޝީމްގެ މަރުގެ ތަޙްޤީޤު ނިމުމަކަށް ގެނައުމުގެ ކުޅަދާނަކަމެއް އަބްދުﷲ ރިޔާޒްގެ ކިބައިގައި ނެތް ކަމަށް ޑރ.ހާލާ ވިދާޅުވެފައި ވަނީ އެމަރު ރާވާ އެކަމަށް ފަންޑު ކުރި މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ހޯދިފައި ނުވާތީކަމަށް ބެލެވެއެވެ.
ޑރ.އަފްރާޝީމްގެ މަރުގެ ތަޙްޤީޤުގައި މިތަޙުޤީޤު ޓީމުގައި ބޭރުގެ 2 ކޮންސަލްޓެންޓަކާއި 80 އަށްވުރެ ގިނަ ފުލުހުން ޙަރަކާތްތެރިވި ކަމަށް އޭރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވެއެވެ.
މިމައްސަލައިގައި 500 އަށްވުރެ ގިނަ ވީޑިއޯ ފުޓޭޖް ދިރާސާ ކޮށް 13000 އަށް ވުރެ ގިނަ ފޯން ކޯލް ރެކޯޑިން އަޑުއަހާ 300 އަށް ވުރެ ގިނަ އައިޓަމް ހެކީގެ ގޮތުގައި ހޯދުނުކަމަށް ވެސް ރިޔާޒް ވިދާޅުވެފައިވެއެވެ. ނަމަވެސް ޝަރީޢަތުގައި ކުށް ސާބިތު ކުރެވުނީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ. އެހެން މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހެޅިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ