އިންޑިއާގެ 358 ރައްޔިތުން ޔަމަނުން ބޭރަށް ގެންގޮސްފި

ޔަމަންގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 358 މީހުން މިއަދުގެ ވަރަށް ހެނދުނާ، އަނބުރާ ގައުމަށް ގެނަސްފިއެވެ.
މިއެންމެން ގެނައީ އިންޑިއަން އެއާފޯސްގެ ބޯޓްތަކުގަ އެވެ.
އިންޑިއާ ރައްޔިތުންގެ 168 މީހުން ގޮވައިގެން ދަތުރުކުރި އެއަރފޯރސް ސީ 17 ގްލޯބްމާސްޓާރސް ޖައްސާފައިވަނީ އިންޑިއާގެ ކޮޗީގައެވެ. 190 މީހުން ގޮވައިގެން ދަތުރުކުރި އެއަރފޯރސްގެ ބޯޓް ޖައްސާފައިވަނީ މުމްބާއީ އެއަރޕޯޓަށެވެ.
އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނާ ޙަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ، ޕީ.ޓީ.އައި އިން ބުނެފައިވަނީ، ޔަމަންގައި ތަށިވެފައި ތިބި އިންޑިއާ ރައްޔިތުންގެ މިގްރޫޕް ޔަމަނުގެ ޢަދަންއިން ނަގައިގެން ކަނޑުމަގުން ފުރަތަމަ ގެންދެވުނީ ޖިބޫޓީއަށް ކަމަށެވެ. މިކަމަށް ބޭނުންކުރީ އިންޑިއަން ނޭވީގެ ބޯޓްތަކެވެ.
ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ޔަމަނަށް ވައިގެ ޙަމަލާތަކެއް ދޭން ފެށިއިރު، ޔަމަނުގައި ވަޒީފާ އަދާކުރުމަށާއި، އެހެންވެސް ބޭނުންތަކުގައި އިންޑިއާ ރައްޔިތުންގެ ހަތަރު ހާހެއްހާ ރައްޔިތުން ދިރިއުޅެމުން ދިޔަކަމަށް އިންޑިއާއިން ބުނެއެވެ.
އަނެއްކޮޅުން، ޔަމަންގައި ތިބި އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން ޔަމަނުން ބޭރަށް ގެންދިއުމުގެ މަސައްކަތް އެޤައުމުންވެސް ކުރަމުން އެބަގެންދެއެވެ. ސްރީލަންކާ ރައްޔިތުންގެ ސަތޭކައެއްހާ ރައްޔިތުން ޔަމަންގައި އެބަ ތިބިކަމަށް އެޤައުމުން ބުނެއެވެ.
ސްރީލަންކާއިން މީގެ ކުރިންވަނީ، އެޤައުމުގެ ރައްޔިތުން ޔަމަނުން ބޭރަށް ގެންދިއުމުގައި ސަޢުދީ އަދި އދގެ އެހީއަށް އެދިފައެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޔަމަންގައި ތިބި ރާއްޖޭގެ ތިން ކިޔަވާ ކުދިން ޔަމަނުން ބޭރަށް ގެންދިއުމަށް ދިވެހި ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ޔަމަންގައި ތިބި ޕާކިސްތާނު ރައްޔިތުން އެޤައުމުގެ ސިފައިން މެދުވެރިކޮށް މިހާރު ވަނީ އަނބުރާ ޤައުމަށް ގެނަސްފައެވެ.
ސަޢުދީ ޢަރަބިއްޔާއާއި، ގުޅިފައިވާ ފައުޖުން ޔަމަންގެ ޙޫޘީންގެ މަޤާމުތަކަށް ވައިގެ ޙަމަލާތައް ދެމުންދިޔަ ނަމަވެސް، ޙޫޘީން ބަލިވެދާނެ ކަމުގެ ނުވަތަ އަމާން ދީފާނެ ކަމުގެ އަލާމާތެއް އަދި ނުފެނެއެވެ. އެހެންކަމުން، އެއްގަމު މަގުން ޔަމަނަށް އެރުމަށް، ޤައުމުން ބޭރުގައި އޮތް ރައީސް މަންސޫރު ހާދީގެ ސަރުކާރުން ދަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ