އިސްލާމް ދީނުގައި އޮންނަ ގޮތުން އެހެން މީހުން ކައިރީގައި ދުއާ ކޮށްދޭށޭ ބުނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ފޯރަމްގެ ތެރެއިން ރޭގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެހެން ދީންތަކުގައި އޮންނަ ގޮތުން ދުއާ ކުރަން ދާން ޖެހެނީ ފާދިރީއެއް ކައިރިއަށް ނުވަތަ ފައްޅިއަކަށް ކަމަށާއި އިސްލާމް ދީނުގައި އޮންނަ ގޮތުން ކޮންމެ ތަނެއްގައި ހުއްޓަސް ދުއާ ކުރެވޭނެ ކަމަށެވެ.
އަދި މާތް ﷲ އަށް އީމާންވެ، އެކަލާނގެ ދައުވަތަށް އިޖާބަދީފި ކޮންމެ މީހެއްގެ ދުއާ މާތް ﷲ ގަބޫލުކުރައްވާނެ ކަމަށް ކީރިތި ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ ކަމަށާއި ދުއާ ކުރުމަކީ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެއްވެސް މީހަކު އެހެން މީހެއް ކައިރިއަށް ގޮސް، ތިމަންނައަށް ދުއާކޮށް ދޭށޭ، ބުނާކަށް ނުޖެހޭ އިސްލާމް ދީނުގައި، (އޮންނަ ގޮތުން) އިސްލާމް ދީނަކީ އެއަށްވުރެ މާ މަތިވެރި ދީނެއް، މާތް ﷲ އާއި އެކަލާނގެ އަޅުތަކުންނާއި ދޭތެރޭގައި އެއްވެސް ހުރަހެއް ނެތް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިހާރު ބައެއް މިނިސްޓަރުނާއި އިސްވެރިންނަށް ދަންނަވަން ބޭނުންވާ ވާހަކައެއް ދަންނަވަން ޖެހެނީ ކޮންމެވެސް މީހަކު މެދުވެރިވެގެން ކަމަށާއި ނަމަވެސް ﷲ އަށް ދަންނަވާ ދެންނެވުން، ދަންނަވަނީ އިތުރު ބައިވެރިއަކު މެދުވެރިނުވެ ސީދާ ﷲ އަށް ކަމަށެވެ.
މުސްލިމުން އެންމެ ހެޔޮ ކަމެއް ކޮށްފިނަމަ އެ ހެޔޮކަންތަކުގެ ސަވާބު 10 ގުނައަށް އިތުރު ވެގެންދާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހު ކުރާ ހެޔޮކަންތަކުގެ ސަބަބުން އޭގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާ ކަމަށާއި ނަމަވެސް ނުބައި ކަމެއްކޮށްފިނަމަ އެކަން ފާހަގަވެގެންދާނީ އެންމެ ނުބައި ކަމެއްގެ ގޮތުގައި ކަމަށެވެ.
އަދި މިކަމުން ވެސް ﷲ ގެ އޯގާވަންތަކަށް ސާބިތުވެގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެންމެ އުފާވެރި ދީނަކީ އިސްލާމް ދީން ކަމަށް ހަތަރު ސަބަބެއް ރައީސް މައުމޫން ހާމަކުރައްވާ އެ ހަތަރު ސަބަބާއި ބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ.
އެ ހަތަރު ސަބަބަކީ އިސްލާމް ދީނަކީ އެންމެ ބޮޑު ނިއުމަތް ކަމުގައިވުމާއި އިސްލާމް ދީނަކީ ރަހުމަތުގެ ދީން ކަމުގައިވުމާއި މާތް ﷲ އޯގާވަންތަކަމުގައި މަތިވެރި ވޮޑިގެންވުމާއި އުފަލުގައި އުޅުމާއި، އުފާފާޅުކުރުމާއި މާތް ﷲ ގެ ފަރުޟުތަކަށް ރައްކާތެރިވެ އަދި އެކަލާނގެ ހަރާމް ކުރެއްވި ކަންތައްތަކަށް އަރައިނުގަނެ އެކި ކަހަލަ ކުޅިވަރު ކުޅެ ހެދުން ހުއްދަވުމެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި އިހްޔާ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމުން މި ފޯރަމްގައި ބައިވެރިވެފައިވެ އެވެ.
ދީނުގައި އޮންނަ ގޮތުން އެހެން މީހެއް ކައިރީގައި ދުއާކޮށް ދޭށޭ ބުނާކަށް ނުޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ