ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ރާއްޖެ ފަދަ ބިންތިރި ގައުމުތަކުން އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި އެފަދަ މައްސަލަތަކަށް ދުނިޔޭގެ ގައުމުތަކުން ސަމާލުވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ "ދި އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް"ގެ ފަރާތުން އިންޑިޔާގެ ނިއު ދިއްލީގައި މިހާރު ކުރިއަށް ގެންދާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.
ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސަމިޓަކީ އަހަރަކު އެއްފަހަރު ބާއްވަމުން ގެންދަވާ ސަމިޓެކެވެ. މިއީ އެގޮތުން ބޭއްވޭ 15 ވަަނަ ސަމިޓެވެ. މި ސަމިޓުގައި ރައީސް މައުމޫން މީގެ ކުރިން ދެ ފަހަރަކު ތަގުރީރު ކުރައްވާފައިވެ އެވެ.
ރައީސް މައުމޫންގެ ތަގުރީރުގައި ވިދާޅުވީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާއި މެދު ކަންބޮޑުވާ ކަމަށެވެ. އަދި ތިމާވެށީގެ ދާއިރާ އިން މިހާރު ފެންނަ ބަދަލުތަކަކީ ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ވެސް ގޯސް ހާލަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ 1975 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެެދު ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީސް ސެލްސިއަސްއަށް އިތުރު ވެފައިވާ ކަމަށެވެ. އަދި ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ލޮނުގަނޑު 60 މިލިމީޓަރަށް އުފުލިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"ސާސްކަފުގެ ލަނޑުދަނޑިތައް އެކުލަވާލިއިރު ތިމާވެށިން ފެންނަން ނެތް އެތައް ކަމެއް މިއަދު ފެންނަމުން އެބަދޭ. ކުދި ގައުމުތަކުން މިކަމާ ވަރަށް ކަންބޮޑުވޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު ނުވަ ބިލިއަނަށް އަރާނެ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ ތެލުގެ ޑިމާންޑް މިހާރު އޮތް ގޮތުން ދުނިޔޭގެ އާބާދީ މާ މައްޗަށް ގޮސްފިނަމަ ތެލުގެ ރިޒާވް ހުސްވުމުގެ ބިރުވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކަަމަށެވެ.
ދުނިޔޭގެ ތިމާވެއްޓާއި ގުޅޭ ތަފާތު ދިރާސާތަކަށް ރިއާޔަތްކުރައްވާ މައުމޫން ވިދާޅުވީ މިިދޔަ އަހަރަކީ ރިކޯޑުތަކުން ދައްކާ ގޮތުން އެންމެ ހޫނުގަދަ ދުވަސްތައް ތަޖުރިބާކުރަން ޖެހުނު އަހަރު ކަަމަށެވެ. އަދި ވިދާޅުވީ އެއީ ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ބޭރުވި ނިސްބަތް އިތުރުވުމުގެ ނަތީޖާ ކަމަށާއި ވަގުތު ބޭކާރު ނުކޮށް މައްސަލަ ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަަމަށެެވެ.
ދުނިޔެ ހޫނުވުމަކީ ބިންތިރި ގައުމުތައް އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ