ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކުގެ ބާރުތައް ހަނިކޮށްފައި: އެޗްއާރުސީއެމް

ޝަރުއީ ދާއިރާ އަށް ސުޕްރީމް ކޯޓުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ، ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުއްދައެއް ނެތި އެޗްއާރުސީއެމާ މުއާމަލާތު ނުކުރުމަށާއި އެއްވެސް މައުލޫމާތެއް ނުދިނުމަށް ދަށު ކޯޓުތަކަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން މުހިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޝަރުއީ ދާއިރާ އިން އެއްބާރުލުން ނުދިނުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ އެކަށީގެންވާ މައުލޫމާތު ހޯދުމުގައި އެޗްއާރުސީއެމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އާއި އދ. ގެ ހާއްސަ ރެޕަޓުއާގެ ހުށަހެޅުންތަކަށް އަމަލުކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ. އަދި ގާނޫނު އަސާސީއާ އެއްގޮތަށް ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރުމަށާއި ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވޭ ގޮތަށް، ހަދަންޖެހޭ ގާނޫނުތައް ހަދައި ފިޔަވަޅު އެޅުމަށް ވެސް ކޮމިޝަނުން ގޮވާލާފައިވެ އެވެ.
ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ޔޫޕީއާރުގައި ބުނެފައިވަނީ މިހާރު ތަސްދީގުކޮށް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ގާނޫނުލް އުގޫބާތަކީ ޝަރުއީ އޮނިގަނޑު ހަރުދަނާ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި ހުރި ބާގަނޑުތަކުގެ ސަބަބުން، މިނިވަންކަމާއި ހާމަކަން އޮތް މިންވަރާއި ނުފޫޒާއި ފެންވަރާއި މައްސަލަތަކަށް ހޭދަވާ ވަގުތާއި ފުރުސަތު ހުޅުވިފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާ އަށް އޮތް އިތުބާރު ކުޑަކަމަށާއި މައްސަލަތައް ލަސްވެގެން ދާކަން ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޔޫޕީއާރުގެ މަގުސަދަކީ އދ. ގެ ގައުމުތަކުގައި އިންސާނީ ހައްގުތައް އޮތް މިންވަރު ދެނެގަނެ، އެ ފަދަ އަމަލުތައް ހުއްޓުވުމަށް ބާރު އެޅުމެވެ. އެޗްއާރުސީއެމުން މި ރިޕޯޓް އެކުލަވާލާފައި ވަނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހޯދާފައިވާ މައުލޫމާތުތަކާއި، އިންސާނީ ހައްގުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރާ މަދަނީ މުޖުތަމައުތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ކޮމިޝަނުން އަތޮޅުތަކަށް ކޮށްފައިވާ އެކިއެކި ޒިޔާރަތްތަކުގައި އެއްކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބައިފައި ތިބޭ ތަންތަނަށް ކޮމިޝަނުން ކުރާ ޒިޔާރަތްތަކުގައި ފާހަގަކުރެވިފައިވާ ކަންކަން ވެސް މިރިޕޯޓްގައި ހިމަނާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މި ރިޕޯޓު މިހާރު ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ވަނީ ހުށަހަޅައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ