ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު އަމީރު އަހުމަދު ސްކޫލުގައި ކިޔަވައިދޭނީ، ސިޓީ ކައުންސިލުން އެތަން ހަވާލުކުރި ފަރާތް ކަމެއް ނުވަތަ ކުރިން އެތަން ހިންގަމުން އައި މެނޭޖްމަންޓުންކަން އޮޅޭހާ ހިސާބަށް މައްސަލަ ހިނގައްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ރޭ ވިދާޅުވެފައި ވަނީ އަމީރު އަހުމަދުގެ ކިޔެވުން މާދަމާ ފަށާނީ ކުރިން ވެސް އެތަން ހިންގި މެނޭޖްމަންޓުން ކަމަށެވެ. އެކަމަކު މާލޭ އަވަށު ސްކޫލްތައް ޕްރައިވެޓައިޒްކުރުމުގެ ނިޔަތުގައި ސިޓީ ކައުންސިލުން އެ ސްކޫލް ހަވާލުކުރި އައިލެންޑާސް ގްރޫޕްގެ ވެރިޔާ މަހުމާ އަބްދުއްރަޝީދު ވިދާޅުވަނީ އެޑިޔުކޭޝަނަށް އެގޮތަށް ނުނިންމޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަމީރު އަހުމަދާ އެ ކުންފުނިން ހަވާލުވީ ސިޓީ ކައުންސިލާ އެކު ވެފައިވާ އެގްރީމެންޓެއްގެ ދަށުން ކަމަށާއި އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ސްކޫލު ހިންގަންވާ ގޮތާ މެދު އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައްސަލަ ކުރިމަތިވީ އަވަށު ސްކޫލްތައް ޕްރައިވެޓައިޒް ކުރުން ހުއްޓުވަން ސަރުކާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކަހަލަ އެއްވެސް މުއާމަލާތެއް ނުކުރަން އެ ކޯޓުން ވަގުތީ އަމުރެއް ނެރުމުންނެވެ. އައިލެންޑާސް އިން ބުނާ ގޮތުގައި އެ އަމުރު ނެރުނު އިރު ސިޓީ ކައުންސިލާއި އަބްދުއްރަޝީދާ ދެމެދު ވަނީ އެއްބަސްވުން ގާއިމްކޮށްފަ އެވެ. އެކަމަކު އެޑިޔުކޭޝަނުން ބުނަނީ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިމެންދެން ސްކޫލް ހިންގާނީ ކުރީގެ މެނޭޖްމަންޓުން ކަމަށެވެ.
އައިލެންޑާސް ގުރޫޕުގެ ޑިރެކްޓަރު އަހުމަދު އަދުލީ ރަޝީދު ވިދާޅުވީ އެ ސްކޫލުގެ ހިންގުން ކުރީގެ މެނޭޖްމެންޓާ ހަވާލުކުރި ނަމަވެސް ސްކޫލުގެ ގިނަ ޓީޗަރުން ތިބީ އެ ކުންފުނީގެ ދަށުގައި ކަމަށެވެ. އަދި އަމީރު އަހުމަދުގެ މުވައްޒަފުން ވެސް އެ ކުންފުންޏަށް ބަދަލުކޮށްފައި ވާތީ އަމީރު އަހުމަދު މިހާރު ހިންގާ މެނޭޖްމެންޓުގައި ތިބޭނީ ވަރަށް މަދު ޓީޗަރުންތަކެއް ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އަމީރު އަހުމަދު ހުޅުވަންޏާ ހުޅުވަން ޖެހޭނީ އައިލެންޑާސްގެ މެނޭޖްމެންޓުގެ ދަށުންނޭ. އެއީ މިހާރުގެ މެނޭޖްމެންޓުގައި އެވަރުގެ ކެޕޭސިޓީއެއް ނެތް،" އަދްލީ ވިދާޅުވި އެވެ.
އަމީރު އަހުމަދުގެ އިމާރާތް ތަރައްގީކުރުމަށް މިހާތަނަށް ހަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ހޭދަވެފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ. އެކަމަކު އޭނާ އަށް އެތަން ހިންގުމުގެ ހުއްދަ އެޑިޔުކޭޝަނުން އަދި ނުދިން ނަމަވެސް ވިދާޅުވީ "ބޭނުންވަނީ ކުދިންނަށް މާދަމާ ކިޔެވޭނެ ގޮތެއް ހަމަޖެހުން" ކަމަށެވެ.
އައިލެންޑާސް އިން ބުނި ގޮތުގައި ގިނަ ޓީޗަރުން ތިބީ އެމީހުންގެ ދަށުގައި ނަމަވެސް މާދަމާ ކިޔަވައިދޭން އެ ހުރިހާ ޓީޗަރުން ވެސް ނުކުންނާނެ އެވެ. އެކަމަކު ކުރީގެ މެނޭޖްމެންޓުގެ ދަށުގައި މަދު ޓީޗަރުންކޮޅެއް ތިއްބައި، އެ މެނޭޖްމެންޓާ ސްކޫލު ހިންގުން ހަވާލު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އަދުލީ ވިދާޅުވި އެވެ.
އަމީރު އަހުމަދު ޕްރީ ސްކޫލުގައި 864 ދަރިވަރުން އަދި ސާނަވީގައި 60 ހަކަށް ކުދިން އެބަ ތިއްބެވެ.
ކުރީގެ މެނޭޖްމަންޓުން ސްކޫލް ހިންގަންޏާ އެމީހުންނަށް މުސާރަ ދީ ޚަރަދުކުރާނީ ކޮން ބައެއްތޯ ވެސް ސުވާލު އުފެދެ އެވެ. މާލޭ އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން ހަވާލުވުމަށް ފަހު އެތަންތަނުގެ ހުރިހާ މުވައްޒަފުން ވެސް ދިޔައީ ސިޓީ ކައުންސިލްގެ ދަށަށެވެ. އަދި އަމީރު އަހުމަދުގެ ހިންގުން އަބްދުއްރަޝީދާ ހަވާލުކުރުމުން ސިޓީ ކައުންސިލުން މި އަހަރު ބަޖެޓް ކަނޑައެޅީ އެތަނުގެ މުވައްޒަފުންގެ ޚަރަދު ނުލާ ކަމަށް ކައުންސިލުން ބުނެ އެވެ.
"އެ ސްކޫލަކީ ޕްރަވައިޓައިޒްކޮށްފައިވާ ސްކޫލެއް. އެހެންވެ، ސަރުކާރުން މި އަހަރު ބަޖެޓް އެކުލަވާލި އިރު އެ ސްކޫލަށް އެއްވެސް ފައިސާއެއް ހަމަޖައްސާފައެއް ނޯންނާނެ،" މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވި އެވެ. "އަދި އެއީ ގާނޫނާ ގަވައިދާ އެއްގޮތަށް ހިނގާފައި އޮތް ކަމެއް ކަމުން އެ ސްކޫލާ ސިޓީ ކައުންސިލުން ހަވާލުވާން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން."
އަމީރު އަހުމަދު ހިންގާނެ ބަޔަކާ މެދު ސުވާލު އުފެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ