އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު: ގާސިމް

މިހާރު ހިންގަމުންދާ ޝަރީއަތްތަކުގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އާއި ގުޅިގެން ހިންގަމުންދާ ޝަރީއަތުގައި މިއަދުގެ އަޑުއެހުން ފެށުމާ އެކު ގާސިމް ވަނީ ޝަރީއަތުގައި ކޮޅަށް ތެދުވެވަޑައިގެން، އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެއްް ފޯރުވަން އުޅުމުގެ ދައުވާ އެވެ.
އެ ދައުވާ ގާސިމް ގެ މައްޗަށް އުފުލާފައިވަނީ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ އެ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކުމުންނެވެ.
ކުރިން ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެން ބެއްލެވި މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ގާސިމް ވަނީ އިސްގާޒީ ބާރީ އެމައްސަލަ ބެއްލެވުުމަށް ދެކޮޅު ހައްދަވާފައެވެ. ގާސިމް ވިދާޅުވީ ކުރީގެ އަޑުއެހުމުގައި އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް އިސް ގާޒީ ބާރީ މަޖިލިސް ނިންމަވާލެއްވީ ކަމަށެވެ.
ގާސިމްގެ ވާހަކަ އަށް ރައްދުދެއްވަމުން އިސް ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ ޖަޒްބާތުތަކަށް އޭނާ ވެސް އިހްތިރާމް ކުރައްވާ ކަމަށާއި އެކަމަކު އެހެން މައްސަލަތަކާ ގުޅޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު މި ޝަރީއަތުގައި ނޯންނާނެ ކަމަށެވެ. އެހެންވެ، އިތުރު މައްސަލަ ތަކުގެ ވާހަކަ އިތުރަށް ނުދައްކަން ގާސިމަށް އެންގިކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާކުރަނީ އޭނާ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ވާހަކަ ދެއްކުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ