އަޅުގަނޑުމެން މިތިބެނީ ސަރުކާރަށް ސަނާކިޔާކަށްނޫން: އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޟިރުވެވަޑައި ގެންފިއެވެ.
ކްރިމިނަލް ކޯޓްގައި މިރޭގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ. މިރޭގެ ޝަރީއަތުގެ މަޖިލީސް ސިއްރުކުރީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ޝަރީއަތް ސިއްރުކުރުމުގެ ސަބަބުން ނޫސްވެރިންނަށާއި އާންމު އެއްވެސް ފަރާތަކަށް ޝަރީއަތުގެ މަޖިލީހަކަށް ނުވަދެވުނެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ.
މިދައުވާ އުފުލާފައިވަނީ އަބްދުﷲ ރިޔާޒްގެ މޮބައިލް ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
ގާތްގަނޑަކަށް ދެގަޑިއެއްހާއިރަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް މިހިންގާ ޝަރީއަތަކީ ގުޅިފައިވާ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
އަދި މިކަމަކީ ގައުމުގައި ހުރި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، ގައުމުގައި ހުރި ބޮޑެތި އެހެނިހެން މައްސަލަތަކާ ދެކޮޅަށް ގާސިމް އިބްރާހިމްއާއި، ރައީސް މުހަންމަދު ނަޝީދާއި، ރައީސް މައުމޫނާއި، ޝައިޚް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމަނިކުފާނު އެހީތެރިވެވަޑައިގަންނަވާތީ، އެކަން ހުއްޓުވަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
"އެއްފަހަރު ފޯނު ގެންދާނެ. އަނެއްފަހަރު އަޅުގަނޑުމެން ޕޯޑިއަމެއްގައި ދައްކާ ވާހަކަޔަކުން މައްސަލަ ބަލާނެ. މިޒަމާނުގައި ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ފުލުސް އޮފީހަށް ގެންގޮސް ސުވާކުރެވި ކަންކަން ކުރެވިވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސިޔާސީ މީހުން ސިޔާސީ ކަންކަން ހިންގަން ފުރުސަތު ދެއްވަން ޖެހޭނެ" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބުކޮށް ގާނޫނީ ވަކި ހުވައެއް ކޮށްގެން ވަކި މަސައްކަތެއް ކުރައްވަން ތިއްބަވާ ބައެއް ކަމަށެވެ. "އަޅުގަނޑުމެން މިތިބެނީ ސަރުކާރަށް ސަނާކިޔާކަށް ނޫން. އަޅުގަނޑުމެންނަކީ ސަރުކާރު ޒިންމާދާރު ކުރުވަން ތިބި ބައެއް. މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެއީ. މިހާރު ހިނގާ ކަންކަމަކީ ރައީސް ޔާމީންއަށް އެއްގޮތަކަށްވެސް ހަޖަމްވެވަޑައިނުގެން އެކަން ހުއްޓުވަން ކުރައްވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ރިޔާޒް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް މިހާރު ކުރިއަށްގެންދާ ޝަރީއަތުގައި ހިމެނޭ މައްސަލައިގެ ތަހްގީގުގައި އެންމެ ފުރަތަމަވެސް ފުރިހަމައަށް އެއްބާރުލުން ދެއްވި ކަމަށެވެ.
"އެކަމަކު ޝަރީއަތަށް މައްސަލަ ފޮނުވިކަމެއްވެސް ނާންގާ. އެއީ ފުލުހުންގެ އާންމު ގަވާއިދާ ޚިލާފް ކަމެއް. މިއީ ރައީސް ޔާމީންގެ ވިސްނުންފުޅު. ފަނޑިޔާރުގެއަށާއި ފުލުސް އޮފީހަށް މައްސަލަތައް ވައްދަނީ. އެކަމަކު ފަހަތަކަށް ނުޖެހޭނަން. ގާނޫނާ ގަވާއިދުގެ ތެރެއިން އިސްލާހީ މަސައްކަތް ކުރިއަށް ގެންދާނަން" ރިޔާޒް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ހުސައިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިމައްސަލައަކީ އަބްދުﷲ ރިޔާޒްގެ ފޯނުގެ ޕިންކޯޑް ނުދީގެން ހުށަހެޅިފައި އޮތް މައްސަލައެއް ކަމަށް ގާޟީ ވިދާޅުވި ކަމަށެވެ. އަދި މައްސަލާގައި އެއްބާރުލުން ދިނުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ގާޟީ ވިދާޅުވުމުން ފޯނުގެ ޕިން މިރޭ ފުލުހުންނާ ހަވާލުކުރެއްވި ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވީ، މިމައްސަލަޔާމެދު އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް އަންނަ އާދީއްތަދުވަހު ނިންމަވާނެ ކަމަށް މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ގާޟީ ވިދާޅުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ