މާބަނޑު މީހުންނަށް ހާއްސަ އިނާޔަތެއް ދޭނަން: ގާސިމް

ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި މާބަނޑު އަންހެނުންނަށް ހާއްސަ އިނާޔަތެއް ހަމަޖައްސައިދޭނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅުގެ ވެރިރަށް މަހިބަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ މާބަނޑުވާ ދުވަހުން ފެށިގެން ވިހައި ގަދަވަންދެން ކޮންމެ އަންހެނަކަށް ވެސް ހާއްސަ އިނާޔަތް ހަމަޖައްސައިދޭނެ ކަމަށެވެ. އެ އެހީ ހަމަޖައްސައިދޭނީ އެކަމަށް އެދި ހުށަހަޅާ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ބޭނުމަކީ ގަދަވެ ސަލާމަތުން މައިމީހާ އިނުމާއި، އެ ދަރިފުޅު އަށަގަނެގެން އަންނަ ދުވަސްވަރު އޭނާ ސިއްހީ ގޮތުން ކެއުންބުއިމުގެ ކަންތައް ރަނގަޅަށް ބެލެހެއްޓުމާއި، އޭގެ ސަބަބުން ލިބޭ ދަރިފުޅަށް އުނިކަމެއް ނެތި ރަނގަޅު ހެޔޮ ގޮތުގައި ސިއްހަތު ރަނގަޅު ދަރިއެއްގެ ގޮތުގައި ހެދުމަށް،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަތޮޅު ކައުންސިލް މާމިގިއްޔަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ އަމިއްލަ އެއާޕޯޓެއް އޮންނަ މާމިގިލި ތަރައްގީވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ނިޔުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދެ އަހަރު ތެރޭގައި މަހިބަދޫގެ ބިން ހިއްކައި ގޯތި ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަތޮޅު ކައުންސިލް ހިންގާ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދާނަމަ އެ ލިސްޓުގެ އެންމެ ފަހަތަށް މަހިބަދޫ ނުދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ހަ ބުރުން ވެސް ނަޝީދަކަށް ނާދެވޭނެ ކަމަށާއި އެ މަނިކުފާނު "ވެރިކަން ހޯދަން އަންނަން ޖެހޭނީ ބަޑި ހިފައިގެން، ދިވެހި ރައްޔިތުން މަރާފައި" ކަމަށެވެ.
ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި ގާސިމް ވިދާޅުވީ ނަޝީދަކީ ހުދުމުޚްތާރު އުސޫލްތައް ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ އަރިހުގައި ތިއްބަވާ މީހުންނަށް ފަސޭހަ އިން ކަންކަން ކޮށްދޭނަމޭ ވިދާޅުވެފައިވާ ކަމަށާއި އެހެން މީހުންނަށް ނުބައިކަން ދައްކާލާނޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅު އެވެ. ސިޔާސީ މީހުން ހައްޔަރުނުކުރާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް ސިޔާސީ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ނަޝީދުގެ] ފިލްމު ދެން ބަލާކަށް ބޭނުމެއް ނެތް،" ނަޝީދުގެ ވެރިކަމުގައި ހައްޔަރުކުރެއްވި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ