މަޖިލިސް ޖަލްސާ: މެމްބަރު ހުސައިންގެ ހަނދާނުގައި އެއްމިނެޓުގެ ސުކޫތެއް

ޑިސެމްބަރު 14 ވަނަ ދުވަހު އަވަހާރަވި ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ކުއްލި ޖަލްސާގައި އެއްމިނެޓުގެ ސުކޫތެއް ގެނެސްފިއެވެ.
މިސުކޫތު ގެނެސްފައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ ވަކިކުރުމާ ގުޅޭގޮތުން ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މިޖަލްސާ ފައްޓާވައި ދެއްވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ހުސައިން ވަހީދު މަޖިލީހަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މަރްހޫމް ހުސައިން ވަހީދަކީ ޚިދުމަތްތެރި ނަމޫނާ މެމްބަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަރްހޫމް ހުސައިން ވަހީދުގެ ހަނދާނުގައި ގެންނެވި ސުކޫތުގައި 51 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ
އަވާރަވުމުގެ ކުރިން ހުސެއިން ވަހީދު ވަނީ ކެންސަރު ބައްޔަށް ވަރަށް ގިނަ ދުވަހު ފަރުވާ ހޯއްދަވާފައެވެ. ފަރުވާ ހޯއްދެވުމަށް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުގައިވެސް ވަނީ ހޭދަ ކުރައްވައިފަ އެވެ.
އޭނާ އަވަހާރަވީ ހާލުކޮޅު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި ހިންގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ހުސެއިން ވަހީދު ވަނީ ބައިވެރިވެވަޑައި ގެންފައެވެ. އޭނާ ފާހަގަ ވެފައި ވަނީ މަޖިލިސް ތަޅުމުގައި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ.
ހުސެއިން ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ