ގާސިމް މަރުވި ހާދިސާގައި ސައިކަލު ދުއްވި މީހާގެ މައްޗަށް ދައުވާކޮށްފި

ވަގަށް ނަގާފައިވާ ސައިކަލެއްގައި ދަމުން، ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަންވެގެން ބާރު ސްޕީޑްގައި ދުއްވަނިކޮށް އަބްދުﷲ ގާސިމްގެ ގައިގައި ޖެހި އޭނާ މަރުވި ހާދިސާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ. މިދިޔަ އޮގަސްޓް މަހު ޖަސްޓިސް ބިލްޑިން ކުރިމަތީގައި ސ. ހިތަދޫ ރަތްފުސްގޭ ގާސިމް މަޑުކޮށްގެން އިންދާ ފުލުހުންނަށް ފިލަންވެގެން ބާރު ސްޕީޑްގައި ދުއްވި ސައިކަލުން ޖެހުނުއިރު އެ ސައިކަލު ދުއްވަން އިނީ ގއ. ގެމަނަފުށީ ނޫރުއްސަބާހް، މުހައްމަދު ނަދީ ސަލީމެވެ. އޭރު އެ ސައިކަލުގެ ފަހަތުގައި ކުޑަކުއްޖަކު ވެސް އިނެވެ. ނަދީގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ވަނީ ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލު ދުއްވުމުގެ ތެރޭގައި ގާސިމް އިން ސައިކަލުގައި ޖެހި އެކްސިޑެންޓްވެ، އެކަމުން ލިބުނު އަނިޔާތަކުގައި ގާސިމް ނިޔާވެފައިވާތީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ނަދީގެ މައްޗަށް އުފުލާ ކަމަށެވެ. ދައުވާ އިއްވުމުން ނަދީ ވަނީ އެފަދަ ހާދިސާއެއް ހިނގި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ދައުވާއާ މެދު އޭނާ ބުނީ ކީކޭކަން ސާފެއް ނުވެ އެވެ. ކޯޓުން ބުނީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ގާސިމްގެ މަރާ ގުޅިގެން ނަދީގެ މައްޗަށް ކުރިން އުފުލީ އެއްގަމު އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާއެކެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންގޮސް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލީ އެވެ. ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެ ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ނަދީގެ މައްޗަށް ދައުލަތުން ވަނީ އެހެން ދައުވާތަކެއް ވެސް ކުރިން އުފުލައިފަ އެވެ. އެގޮތުން ފޭރުމުގެ ދައުވާއަކާއި ވައްކަމުގެ ދައުވާއަކާއި ފުލުހުންގެ އެންގުމަށް މަޑުނުކޮށް ދުއްވާފައިވާތީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ ހިމެނެ އެވެ. އެ ދައުވާތައް ސާބިތުވާތީ އޭނާ ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު 12،000ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ސައިކަލްގެ ފަހަތުގައި އިން ކުޑަކުއްޖާގެ މައްޗަށް ވެސް ދައުލަތުން ވަނީ ވައްކަމުގެ ދައުވާއެއް އުފުލައިފަ އެވެ. ނަމަވެސް އެއީ ކުޑަކުއްޖެއް ކަމަށް ވާތީ އޭނާގެ ޝަރީއަތް ހިންގަނީ ޖުވެނައިލް ކޯޓުގަ އެވެ. ގާސިމް މަރުވި ހާދިސާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ. ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނިންމީ އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ