ނޭޕާލްގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ފޮނުވަނީ

ނޭޕާލަށް މިދިޔަ ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި ހާލުގައި ޖެހިފައިވާ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް މިއަދު އެ ގައުމަށް ފޮނުވުމަށް ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުން ބުނީ ނޭޕާލުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހާއްސަ ފްލައިޓެއް ފޮނުއްވަން ނިންމެވީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެ ފްލައިޓް ނޭޕާލަށް ފޮނުވަނީ ޓޫރިޒަމް ދާއިރާގެ ދީލަތި އެހީތެރިކަމާ އެކުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ނޭޕާލަކީ ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ދާއިރާ އިން ކިޔަވައި ތަމްރީން ހޯދާ ގައުމަކަށް ވާއިރު، ބިންހެލުމާ ގުޅިގެން ދިވެހި ދަރިވަރުން ވެސް ވަނީ ހާލުގައި ޖެހިފަ އެވެ. ނޭޕާލްގެ ބިރާޓް ނަގަރުގައި ހުންނަ ނޯބަލް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވާ ދިވެހި 14 ދަރިވަރުން މިހާރު ތިބީ، އެ ޔުނިވަސިޓީގެ ކޮމްޕައުންޑްގައި ޖަހާފައިވާ ޓެންޓެއްގަ އެވެ. އަދި އިއްޔެ އެ ސަރަހައްދުން ކާއެއްޗެހި ހުސްވެފައިވާތީ އިއްޔެ އިރޮއްުސުމާ ހަމައަށް އެ ކުދިން ތިބީ އެއްވެސް އެއްޗެއް ނުކައި ފެނަށް ޖެހިފައި ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ. ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި ނޭޕާލަށް އައި ބިން ހެލުމުގައި 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ބިންހެލުމުގައި މިހާތަނަށް ވަނީ 2،300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ