ހެރަތެރަ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރެވިދާނެ ނުކުތާތަކެއް އެބަހުރި: އެމްޓީޑީސީ

ސ. ހެރަތެރަ ރިސޯޓުގެ މައްސަލައިގައި ހައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި އިސްތިއުނާފް ކުރެވިދާނެ ފަދަ ނުކުތާތަކެއް އެބަހުރި ކަމަށް ބުރާސްފަތި ދުވަހު އެމްޓީޑީސީން ބުނެފި އެވެ.
އެމްޓީޑީސީގެ ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަވާނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ލިބިވަޑައިގަތުމުން ދިރާސާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށާއި ކުރިއަށް އަޅަން ހުރި ފިޔަވަޅުތަކާ މެދު ކުންފުނިން ގޮތެއް ނިންމާނީ ހަމައެކަނި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކަށް ބަލައިފައި ނޫން ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.
"ކުންފުނިން އިސްތިއުނާފް ކުރުމާއި އިތުރަށް އަޅަން ހުރި ފިޔަވަޅުތަކާ މެދު ނިންމާނީ ހަމައެކަނި ގާނޫނީ ކަންތައްތައް ބަލާފައެއް ނޫން. ކުންފުންޏަށް މާލީ ގޮތުންނާއި ކޮމާޝަލް ގޮތުން ފައިދާ ހުރި ގޮތަކަށް ވިސްނައި ބަލައިފައި ކުންފުނިން ނިންމާ ގޮތެއް ނިންމާނީ،" ޝާހީން ވިދާޅުވި އެވެ.
ޔޮޓް ޓުއާސްގެ ގާނޫނީ ވަކީލު އަދި ކުރީގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމަވާފައި ވަނީ އެބޭފުޅުން އެދިވަޑައިގެން ދެ ނުކުތާ އަށް ވެސް ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ އެއީ ވަރަށް އިންސާފުވެރި، އިލްމީ ނިންމުމެއް ކަމަށެވެ.
ހައި ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު 30 އިން ފެށިގެން ސ. ހެރަތެރައިގެ ކުލި ފުރިހަމައަށް އަދާކުރަން ނުޖެހޭނެ ކަމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ދަށު ކޯޓުގައި އަލުން ޔޮޓް ޓުއާސް އަށް ދައުވާ ކުރެވިދާނެ ކަމަށެވެ.
ހައި ކޯޓުން އެގޮތަށް ނިންމުމުން، ޔޮޓް ޓުއާސް އިން އެދުނު ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައި ނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށާއި ރިސޯޓުގެ ކުއްޔާއި ލިކުއިޑޭޓެޑް ޑެމޭޖާސް ނުދައްކައި އިތުރަށް ރިސޯޓު ހިންގުމަކީ ހައްގު ނޫން މަންފާއެއް ޔޮޓް ޓުއާސް އަށް ލިބޭނެ ކަމެއް ކަމަށް ބުނެ މިދިޔަ އޭޕްރީލް 28 ގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް ވަނީ ބާތިލްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ