މޫސުމީ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށް 3 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ބޭނުންވޭ: މިނިސްޓަރު

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މެކްސިކޯގެ ކަންކުންގައި ހިނގަމުން އަންނަ އދ ގެ ކްލައިމެޓް ކޮންފަރެންސްގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖެ ރައްކާތެރި ކުރުމަށް މިހާ ބޮޑު ހަރަދެއް ހިނގަނީ ރާއްޖެ އަކީ 1،200 ރަށް ހިމެނޭ ތިރި ޖަޒީރާ ގައުމެއް ކަމަށް ވެފައި 644 ކިލޯމީޓަރުގެ އައްސޭރިއެއް ހިމެނޭތީ ކަމަށެވެ.
ކޮންފަރެންސް އޮފް ޕާޓީސްގެ 16 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 16 ގައި އަސްލަމް ވަނީ ކުދި ޖަޒީރާ ގައުމުތަކަކީ ވަރަށް ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާ ގައުމުތަކެއް ކަން ފާހަގަކުރައްވާފަ އެވެ އަދި މޫސުމަށް އަންނަ ބަދަލުތަކަށް މި ގައުމުތަކުގެ ހިއްސާ ކުޑަ ނަމަވެސް މި ކަމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވި ކޮޕް 15 ސަމިޓުން ފާސްކުރި ކޯޕަންހޭގަން މުއާހަދާ އަށް ރިއާޔަތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އެ މުއާހަދާގައި ސޮއިކުރާ ފަރާތްތަކުން އަމަލުކުރާ ގޮތް ބެލުމާއި ކާބަން މަދު ދުނިޔެއަކަށް ބަދަލުވުމަށް އެ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.
ނޮވެމްބަރު 29 އިން ޑިސެމްބަރު 10 އަށް، ދެ ހަފްތާގެ މުއްދަތަށް ބާއްވާ ކޮޕް 16 ގައި 194 ގައުމަކުން ބައިވެރިވެ އެވެ.
މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ މަގްސަދަކީ ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ