ވޯޓު ލާންވީ ތިލަފަތުގެ އެއްކޮޅަށް: މައުމޫން

މި މަހު 22ގައި ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުދޭންވީ "ތިލަފަތުގެ އެއްކޮޅަށް" ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވާ އަލީ އިބްރާހިމްގެ ކެމްޕެއިން ޖަގަހަ މާލެގައި ހުޅުވުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި މައުމޫން ވިދާޅުވީ ވޯޓު ދޭންވީ ތިލަފަތުގެ ކޮން ކޮޅަކަށްތޯ ވިސްނަން ޖެހޭ ކަމަށާއި ދެ ކޮޅުގައި ވަނީ ތަފާތު ކަންތައްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތިލަފަތުގެ އެއްކޮޅުގައި ވަނީ އިސްލާމް ދީން ހިމާޔަތްކުރުމާއި ގައުމަށް ހަމަ ޖެހުން ގެނެސްދިނުން ކަމަށާއި އެއީ ޕީޕީއެމްގެ ކޮޅު ކަމަށެވެ. އަދި ވިދާޅުވީ ތިލަފަތުގެ އަނެއް ފަރާތުގައި އޮތީ މަސްތުވާތަކެއްޗާއި އިސްލާމް ދީނާހިލާފް ކަންކަން ކަމަށެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ތިލަފަތަށް ވޯޓުލާށޭ. އެނގިވަޑައިގަންނަވާނެ ފަދައިން ތިލަފަތުގެ ދެކޮޅުހުރޭ. އެހެންވީމަ އަޅުގަނޑުމެން ވޯޓް ދޭން ކޮން ކޮޅަކަށްތޯ ވަރަށް ބޮޑަށް ބަލާލަން އެބަޖެހޭ. އެއްކޮޅުގައި މި އޮތީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ މިނިވަން ކަމާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމާއި ގައުމުގެ ހަމަ ޖެހުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އަންހެންނާއި ޒުވާނުންގެ ހައްގުތައް ހޯދަދިނުމާއި މުޅި ގައުމަށް ތަރައްގީ ގެނެސްދިނުން. ހަމަ އެހެންމެ ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންގެ އަތުގައި ދެމެހެއްޓުން. އަނެއްކޮޅުގައި މި އޮތީ އެއާއިމުޅިން ހިލާފު ކަންތައްތަކެއް،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ޕްރޮގްރިސިވް ކޯލިޝަނަށް ތާއިދުކުރާ ބައެއް މީހުން އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވާ ކަމަށާއި އެއީ ވަރަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ކޯލިޝަނަށް ތާއިދުކުރާ ފާރާތްތަކުގެ ވޯޓު ބެހިގެން ދިއުމުގެ ނަތީޖާއަކަށް ވާނީ " ބޭނުންނުވާ ފަރާތްކަށް" މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ދިއުން ކަމަށާއި އެހެން ކަމުން އަމިއްލަ ގޮތުން ވާދަކުރައްވާ ކޯލިޝަން ތެރޭގައި ހިމޭނޭ މެންބަރު ނަން އަބުރާ ގެންދިއުމަށް އެދޭ ކަމަށް މައުމޫނު ވިދާޅުވި އެވެ.
އަދި ކުރިމަތިލައްވާފައި ތިއްބެވި ބައެއް ކެންޑިޑޭޓުން ޕީޕީއެމްގެ ކެންޑިޑޭޓުނަށް ތާއިދު ކުރަމުންދާކަން ފާހަގަކުރައްވަމުން މައުމޫނު ވިދާޅުވީ އެ ބޭފުޅުން އެ ނިންމަވަނީ ގައުމީ ނިންމެވުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ