ރައީސް ނަޝީދު ދޫކޮށްލުމުން، އާޒިމާގެ ސުވާލަކީ އަބްދުﷲ ގާޒީގެ ހައްޔަރަށް ޒިންމާވަނީ ކާކުތޯ؟

ސްޕްރީމް ކޯޓުން ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއެކު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ޒިންމާ ނަގާނީ ކާކު ތޯއާއި މެދު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.
އާޒިމާ ޝަކޫރު ފޭސްބުކު ޕޭޖުގައި ވިދާޅުވީ އަބްދުﷲ ގާޒީ ގާނޫނާއި ހިލާފަށް ހައްޔަރުކޮށްގެން 21 ދުވަސްވަންދެން ގެންގުޅުނު މައްސަލަ ސައްހަވެގެންދިޔައިރު، ކޯލިޝަން ލީޑަރުންނާއި މިހާރުގެ ވަޒީރުންގެ މަޖިލިސް މެމްބަރުން ތިއްބެވީ ހަނު ކަމަށެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ ރައީސް ނަޝީދު މިނިވަން ވުމެއްނޫން. މި ވާހަކަ ދައްކަނީ ފެންނަން ހުރި ހަގީގަތްތަކުގެ މައްޗަށް. އެއްވެސް މީހަކު ޒިންމާދާރު ކުރެވިފައެއް ނުވޭ." އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވަނީ ސްޕްރީމް ކޯޓުން ރައީސް ނަޝީދުގެ މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓް އަވަހަށް އާއްމު ކުރެއްވުމަށްވެސް އެދިލައްވާފައެވެ.
ސްޕްރީމް ކޯޓުން މިއަދު ނިންމީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލީ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގަތީ ޤާނޫނާއި ޝަރުއީ ހަމަތަކުގެ މަތިން ކަމަށް ނުވާތީ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. ރައީސް ނަޝީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށެވެ. އަދި އެމްއެންޑީއެފުން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރިން، ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ރަހީނު ކުރުމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ރައީސް ނަޝީދުގެ މައްސަލާގައި ސްޕްރީމް ކޯޓުން ކުރެއްވި ހުކުމާމެދު އާޒިމާ ވާހަކަދައްކަވާފައިވާއިރު، އާޒިމާ ދެއްވި ލަފައެއްގެ މައްޗަށް ޖީއެމްއާރު ރާއްޖެއިން ބޭރު ކޮށްލުމުން ދައުލަތައް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުނަތަކެއް ވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ