އަމާޒަކީ ޖޭޕީއަކީ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީއަށް ހެދުން: އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވާންވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީއަށް އެ ޕާޓީ ހެދުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖޭޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ޖޭޕީއަށް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ މަޖިލިސް ތެރޭގައި ހިންގައި ދިނުން ކަމަށާއި ސަރުކާރުން ހުށަހަޅާ ލެޖިސްލޭޓިވް އެޖެންޑާއާ ދޭތެރޭގައި މަޝްވަރާކޮށްގެން ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ފަހިކޮށްދިނުން ކަމަށެވެ.
"އެހެންވީމާ އެކަންކަން ފަހިކޮށްދެވޭނީ ޖުމްހޫރީ ޕާޓީގެ ނުފޫޒު، ސިޔާސީ ނުފޫޒު މަޖިލީހުގެ ތެރޭގައި ވެސް ބޮޑުވެގެން. ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަކީ މި ދައުރު ނިމުމުގެ ކުރިން ޖުމްހޫރީ ޕާޓީއަކީ ޕާލިމަންޓުގައި އެންމެ ގިނަ މެމްބަރުން ގެންގުޅޭނެ ޕާޓީއަކަށް ހަދާނަން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އަދި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަނެއް ހަގީގަތަކީ ކުރިއަށްއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ ލީޑާޝިޕްގެ މެމްބަރުންނާއި ކައުންސިލްގެ މެމްބަރުން އަދި އެ ޕާޓީގެ އާންމު މެމްބަރުންގެ ވެސް އެންމެ ބޮޑު އެއް މަސައްކަތަކީ ކުރިއަށްއޮތް މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނަށް ކަނޑައަޅާ ދާއިރާތައް ކާމިޔާބުކޮށްދިނުން ކަމަށާއި ކޮންމެ ވާހަކަތަކެއް ދެކެވުނު ނަމަވެސް ލީޑަރުންގެ ތެރޭގައި އެއްބަސްވުމެއް އޮންނަ ކަމަށެވެ.
"މި އަންނަ އިންތިހާބާ ދިމާކޮށް އެކި ބޭފުޅުން އެކި ވާހަކަތައް އެބަ ދައްކާ. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް އެއްބަސްވުމެއް. އަޅުގަނޑުމެން ލީޑަރުންގެ ތެރޭގައި އެބައޮތް އެއްބަސްވުމެއް. އަޅުގަނޑުމެން ލީޑަރުންގެ ތެރޭގައި އޮތް އެއްބަސްވުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ލީޑަރުންގެ ތެރޭގައި އެއްބަސްވުން އޮތީ މަޖިލީހުގައި ވެސް އަޅުގަނޑުމެން އެކުގައި މަސައްކަތްކުރަން. އަދި ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވެސް އަޅުގަނޑުމެން އެކުގައި މަސައްކަތްކުރަން،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް އިތުރަށް ވިދާޅުވީ ޖޭޕީ އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށާއި އެ ޕާޓީން މަސައްކަތްކުރާނީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި އެހެން ހުރިހާ ލީޑަރުން ވެސް އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ