ހުޅުމާލެ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑިދާނެ: ސްޓެލްކޯ

މިއަދު ހުޅުމާލެ ކުޑަކުދިން ހިޔާ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު 13:30 އިން 16:30 އަށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ކަރަންޓު ކެނޑިއްޖެނަމަ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދެވިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ. އެ ކުންފުނިން ބުނީ އެފަދަ ކަންކަމުގައި އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
ސްޓެލްކޯ އިން އަންނަނީ ހުޅުލެ، ހުޅުމާލެ އަދި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެކުންފުނިން ބުނީ އެ މަޝްރޫއު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
ރަންޓުގެ މި ނިޒާމަކީ ގްރޭޓާ މާލެ ރީޖަނަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އާއި ދުރު ރާސްތާ ޕްލޭންތަކާ އެކު ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމި ޚިދުމަތްދޭން ފެށުމުން މާލޭ ސަަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގްރޭޓާ މާލެ ރީޖަންގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމުން ކެޕޭސިޓީ ކުރިއަރައިގެންދާއިރު މާލެ އަށް ކަރަންޓު މަދުވެގެންދާ ވަގުތު ނުވަތަ މާލެއިން ކަރަންޓު ކެނޑިގެންދާ ވަގުތުތަކުގައި ހުޅުމާލެއިން މާލެ އަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ހަމައެގޮތުން ހުޅުމާލެއިން ކަރަންޓު ކެނޑިގެންދާ ވަގުތުތަކުގައި މާލެއިން ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ