ކޮވިޑް-19: ވެންޓިލޭޓަރުގައި މިހާރު އޮތީ އެންމެ މީހެއް

ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން މިހާރު އެ ހާލަތުގައި އޮތީ އެންމެ މީހެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އައިޖީއެމްްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ 10 މީހުންގެ ތެރެއިން އެކަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ވެސް ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މީޑިއާ ބްރީފިން އެއްގައި ޑރ. މުރާދު ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
"އެހެން ނަމަވެސް އެ ތިން މީހުންގެ ތެރެއިން ވެސް އެންމެ ބަލިމީހެއް މި ވަގުތު ވެންޓިލޭޓަރުގެ އެހީގައި އަޅުގަނޑުމެންނަށް ފަރުވާ ދެވެމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޓްރީޓޮޕްގައި ވެންޓިލޭޓަރުގައި އޮތީ ބިދޭސީ އެކެވެ.
"އަދި ބޭރަށް ދާއިރުގައި ވެސް އަޅުގަނޑުމެން ލަފާދޭން ރައްކާތެެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެކަމަށް ސަމާލުކަން ދީގެން މަސަައްކަތް ކުރުން. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ މަސައްކަތުގައި ވީހާވެސް ބޮޑު ކާމިޔާބެއް ލިބޭނީ އާއްމު ރައްޔިތުންގެ އަޅުގަަނޑުމެންނާ އެކީގައި މިކަމުގައި މަސައްކަތް ކޮށްދެއްވި ވަރަކުން،" ޑރ. މޫސާ މުރާދު
ޑޮކްޓަރު ވިދާޅުވި ގޮތުގައި ދަރުމަވަންްތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައިވާ މީހާ އަކީ ވެސް މިހާރު ބަލިން ރަނގަޅުވެފައިވާ މީހެކެވެ. އެ ބަލިން ތިން މީހަކު މިއަދު ވެސް ރަނގަޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު ރާއްޖޭގައި ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވި މީހުންގެ އަދަދަކީ މިހާރު 127 އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑް އައި ފަހުން ވެންޓިލޭޓަރަށް އެއްފަހަރާ އެންމެ ގިނަ މީހުން ލީ އަދަދަކީ ހަތަރެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް އެއްވަރެއްގައި ހުރި އިރު އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ޑރ. މުރާދު މިރޭ ވިދާޅުވީ ލޮކްޑައުން އުވާލުމަށް ފަހުގައި ވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށްފައި ބޭއްވުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅެން ހުއްދަ ދިނަސް ޒަރޫރީ ކަމެއްގައި ނޫނީ ނުނިިކުތުމަށް އޭނާ އިލްތިމާސް ކުރެެއްވި އެވެ.
"އަދި ބޭރަށް ދާއިރުގައި ވެސް އަޅުގަނޑުމެން ލަފާދޭން ރައްކާތެެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެކަމަށް ސަމާލުކަން ދީގެން މަސަައްކަތް ކުރުން. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ މަސައްކަތުގައި ވީހާވެސް ބޮޑު ކާމިޔާބެއް ލިބޭނީ އާއްމު ރައްޔިތުންގެ އަޅުގަަނޑުމެންނާ އެކީގައި މިކަމުގައި މަސައްކަތް ކޮށްދެއްވި ވަރަކުން،" ޑރ. މުރާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ