ގޭމްގެ ރައީސްއަކަށް ކާނީ އަބްދުﷲ ހޮވައިފި

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ކަމަށް ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ހޮވައިފި އެވެ.
ގެސްޓްހައުސް ތަމްސީލް ކުރާ ޖަމިއްޔާ، ގޭމް އިން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި އެ ޖަމިއްޔާގެ ވޯޓުލުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 51 މެންބަރުންގެ އަގުލަބިއްޔަތުން ރައީސްގެ މަގާމަށް ހޮވިފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަންގެ ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުﷲ އެވެ.
ރައީސްގެ މަގާމަށް ހޮވިވަޑައިގެން އަވަސް އަށް އަބްދުﷲ ވިދާޅުވި ގޮތުގައި މި މަގާމަށް ކުރިމަތިލާފައިވަނީ ވަރަށް ގިނަ ގެސްޓްހައުސްތަކުގެ ވެރިންގެ އެދުމުގެ މަތިން ކަމަށާ އެންމެ އިސްކަމެއް ދެއްވާނީ ކުދި ގެސްޓްހައުސް ތަކަށް އެހީވެ ކުރިއަރުވަން ކަމަށެވެ.
"ގެސްޓްހައުސް ވިޔަފާރީގައި ހޭދަކޮށްފައިވާ 10 އަހަރުގެ ތަޖުރިބާގެ އަލީގައި ރަށްރަށުގައި ހުރި ކުދި ގެސްޓްހައުސްތައް ކުރިއަށް ދެވޭނެ ގޮތްތައް ކިޔައި ދޭން އެންމެ އިސްކަމެއް ދޭނީ. އެކި ރަށްރަށް ތަފާތު ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި މާކެޓްކޮށްދީ، އިންޑަސްޓްރީގެ އެންމެން ވެސް ކާނި ހޮޓެލްސް ދިޔަ މަގުން ދެވޭނެ ގޮތް ހެދުމަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދޭ ނަން،" ރާއްޖޭގައި އެންމެ ފުޅާކޮށް މި ވިޔަފާރި ކުރާ، އަބްދުﷲ ވިދާޅުވި އެވެ.
ތަޖުރިބާގެ އަލީގައި ރަށްރަށުގެ ކުދި ގެސްޓްހައުސްތައް ކުރިއަށް ދެވޭނެ ގޮތްތައް ކިޔައި ދޭނަން. ރަށްރަށް ތަފާތު ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި މާކެޓްކޮށްދީ، އިންޑަސްޓްރީގެ އެންމެން ވެސް ކާނި ހޮޓެލްސް ދިޔަ މަގުން ދެވޭނެ ގޮތް ހަދަން މަސައްކަތެއް ކޮށްދޭ ނަން
އަބްދުﷲ ނަޝީދު | ގޭމްގެ އާ ރައީސް
ގޭމް އިން މިއަދު ބޭއްވި އިންތިހާބުގައި އިތުރު ފަސް މަގާމަކަށް މެންބަރުން ހޮވާފައިވެ އެވެ.
ގޭމްގެ ބޯޑަށް ހޮވުނު ފަސް މެންބަރުން
ނައިބް ރައީސް: ހަމްޒާ ގާސިމްސެކްރެޓަރީ ޖެނެރަލް ސައިދުﷲ އަހުމަދުކޯޕަރޭޓް އެފެއާޒް: ރާއިފް ޝާޒް ވަލީދުއެކްސްކޯގެ ދެ މެންބަރުން (އަހުމަދު ވަހީދު، އަހުމަދު ސަމާހު)
ގޭމްގެ ރައީސްގެ މަގާމަށް އަބްދުﷲ ހޮވުނުއިރު، އެންމެ ފަހުން މި ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވީ އަހުމަދު ނާސިހު އެވެ. އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބާރުގަދަ ވަމުން އަންނަ ޓޫރިޒަމްގެ ކުދި ވިޔަފާރިތައް ހިމެނޭ މި ވިޔަފާރި ކޮވިޑް-19 އަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ 15 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ