ލަންކާ ހަމަލާގައި އިސްކޮށް އުޅުނު މީހާ ރާއްޖެ އައިސްފައެއް ނުވޭ: އިމިގްރޭޝަން

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ މައުލަވީ ޒަހްރާން ހާޝިމް ރާއްޖެއަށް ދަތުރުކޮށްފައި ނުވާކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ.
ލަންކާގެ ޓެރަރިސްޓް ގުރޫޕް، ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމީ މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވާހަކަ ފެތުރުނެވެ.
ނަމަވެސް އިމިގްރޭޝަނުން ރޭ ކުރި ޓްވިޓެއްގައި ބުނެފައިވަނީ މައުލަވީ ޒަހްރާން ހާޝިމް ފާއިތުވި ފަސް އަހަރު ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް ރާއްޖެ އައިސްފައި ނުވާ ކަމުގައެވެ.
Twitter Embeded
އިމިގްރޭޝަނުން ބުނީ އޭނާ ރާއްޖޭގައި އުޅުނުކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމުގައެވެ. އަދި އޭނާ އެއްވެސް އިރެއްގައި ރާއްޖެ އައިސްފައިވާކަން ރެކޯޑްތަކުން ފެންނަން ނެތްލަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އިތުރަށް ބުނީ ލަންކާއަށް ދިން ހަމަލާއާ ގުޅިގެން ރާއްޖެއަށް ވެސް އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބަލައި، ރާއްޖެއާއި ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް އެފަދަ ޓެރަރިޒަމް ހަމަލާއަކުން ރައްކާތެރިވުމަށް ބޯޑާ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
އާދީއްތަ ދުވަހު ލަންކާއަށް ދިން ހަމަލާގައި 359 މީހުން މަރާލާފައިވާއިރު އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްސް، އައިއެސްސް އިން ވަނީ ނަގާފައެވެ. އަދި އައިއެސްއިން އާއްމުކޮށްފައިވާ ފޮޓޮއާއި ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާދިން މީހުންގެ ތެރޭގައި އެންމެ އިސްކޮށް ހުރީ ޒަހުރާން ހާޝިމްއެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި އަމިއްލައަށް މަރުވެގެން ހަމަލާ ދިން މީހުންގެ ތެރޭގައި ޒަހްރާން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ