ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރެފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓަކީ އެއްވެސް ހާލެއްގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި އަދުލު އިންސާފުގެ އެންމެ މަތީ ބާރުގެ ހުރުމަތާއި ޝަރުއީ ދާއިރާއާމެދު ރައްޔިތުންނަށް ނުބައި ތަސައްވުރެ އުފެދޭނެ ގޮތަކަށް މައުލޫމާތު ފެތުރަން ނޫންކަމަށް އެ ކޮމިޝަންގެ މެންބަރު މިއަދު ސުޕްރީމް ކޯޓަށް ހާޒިރު ކުރުމުން ކޯޓްގައި ބުނެފި އެވެ.
އެޗްއާރްސީއެމްގެ މައްޗަށް ފެށި ސުމޯޓޯ މައްސަލައިގެ އަޑު އެހުމުގައި ކޮމިޝަންގެ ފަރާތުން ވާކާލާތު ކުރެއްވީ މައުމޫން ހަމީދެވެ. އޭނާ މިއަދު ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓަކީ، ޝަރުއީ ދާއިރާއާއި ސުޕްރީމް ކޯޓާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކުރުމުގެ ގޮތުން އެކުލަވާލާފައި ރިޕޯޓެއް ނޫން ކަމަށާއި ރިޕޯޓު އާއްމު ކުރުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެ ރިޕޯޓުގައިވާ ކަންކަމަށް ކޮމެންޓުކުރުމުގެ ފުރުސަތު ދިން ނަމަވެސް ރިޕޯޓުގައިވާ މައުލޫމާތުތަކަށް އެ ޑިޕާޓްމަންޓުން އެއްވެސް ކޮމެންޓެއްކޮށްފައި ނުވާކަމަށެވެ.
އެހެން ނަމަވެސް އަދުލު އިންސާފުގެ ދާއިރާގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނާއިބުގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ކޮމެންޓަށް ރިޕޯޓު ޝާއިއުކުރުމުގެ ކުރިން ރިއާޔަތްކޮށްފައިވާނެ ކަމަށާއި ބަންޑާރަ ނާއިބުގެ އޮފީހުން އެދިފައިވާ ގޮތަށް ރިޕޯޓުގައި އަދުލު އިންސާފުގެ ދާއިރާއަށް ޚާއްސަކޮށްފައިވާ ބަޔަށް ބައެއް މައުލޫމާތުތައް އިތުރުކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ އަޑު އެހުމުގައި ކޮމިޝަނުގެ ފަރާތުން ވަނީ ހަތަރު ލިޔުމެއް ހުށަހަޅާފައެވެ. އަދި ރިޕޯޓަށް މައުލޫމާތު ހޯދި ފަރާތްތަކާއި، ރިޕޯޓަށް ކޮމެންޓް ކުރުމަށް ފޮނުވި ފަރާތްތަކާއި އެ ފަރާތްތަކާއި އެކު މުއާމަލާތްކުރެވުނު ތާރީޚުތައް ހިމެނޭ ލިޔުމެއް ވެސް ކޮމިޝަނުގެ ފަރާތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
ކޮމިޝަނުގެ މެމްބަރުންނަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން މައުމޫނު ހަމީދު އިތުރަށް ވިދާޅުވީ، އެޗްއާރުސީއެމުން އެކުލަވާލާފައިވާ ޔޫޕީއާރު ރިޕޯޓަކީ އެ ރިޕޯޓުގައި ހިމެނޭ ތިންވަނަ ގިންތިއަށް ފެތޭ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓަކީ އެއްވެސް ހާލެއްގައި ނިންމުންތަކެއް ނިންމުމުގައި ރިއާޔަތްކުރާނެ ރިޕޯޓެއް ނޫން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކޮމިޝަނުގެ ފަރާތުން ވަނީ ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ބޭނުންވާކަމަށާއި، އެގޮތުން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް އެދިފަ އެވެ. އެހެން ނަމަވެސް ޖަވާބުދާރީވުމަށް ދޭނެ މުއްދަތަކަކީ، ހަސްމުން ކަނޑައަޅާ މުއްދަތެއް ނޫންކަމަށާއި، އެކަމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމަވާ ނިންމެވުމެއްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވި އެވެ.
ހަތް ފަނޑިޔާރުން ތިއްބެވި މިއަދުގެ ޝަރީއަތުގެ މަޖިލިސް އުއްތަމަ ފަނޑިޔާރު ނިންމަވާލެއްވީ، ކޮމިޝަނުގެ ފަރާތުން އެދުނު އިތުރު ފުރުސަތެއް ދޭނެކަމަށް ވިދާޅުވަމުންނެވެ. މި މައްސަލަ ކުރިއަށް ގެންދަނީ، ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި، ކޯޓުތަކާއި ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.
ސުމޯޓޯ މައްސަލަތަކަކީ ސްޕްރީމް ކޯޓުން އަމިއްލައަށް ފެނިގެން ބަލާ މައްސަލަތަކެކެވެ. ސުމޯޓޯ މައްސަލަތައް ރާއްޖޭގެ ސްޕްރީމް ކޯޓުން ބަލަން ފަށާފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ.
ރިޕޯޓް ހެދީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާކަށްނޫން: މެމްބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ