މުސްލިމުންގެ ގަދަރު އިތުރު ކުރަން އެއްދުވަހެއްގައި ރޯދަ ފަށަންޖެހޭ: މައުމޫން

މުސްލިމު އެންމެން އެއްދުވަހެއްގައި ރޯދަ ހިފަން ފަށައި، އެއްދުވަހެއްގައި އީދުކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ދީނީ އަދި ފަލަކީ އިލްމުވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ފައުންޑޭޝަންގެ އިހުޔާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ރޭ ވިދާޅުވީ އިސްލާމީ އުންމަތުގެ އެންމެން އެއްދުވަހެއްގައި ރޯދަ ހިފަން ފަށައި، އެއްދުވަހެއްގައި ޢީދު ކުރުމަކީ، މުސްލިމުންގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށާއި، ދުނިޔޭގެ ކުރިމަތީގައި މުސްލިމުންގެ ގަދަރާއި ހައިބަތު އިތުރުކުރުމަށްޓަކައި މި ޒަމާނުގައި ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ މިހާރުގެ އިސްލާމީ އުންމަތުން ޙައްލުކުރަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މުސްލިމުންގެ އެއްބަޔަކަށް ރަމަޒާންމަހުގެ ހަނދު ފެނިއްޖެނަމަ އިސްލާމީ އުންމަތުގެ އެންމެންވެސް އެރޭ ރަމަޒާން މަސް ފެށުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް މުސްލިމުންގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މުއާސަލާތުގެ ކަންތައްތައް ތަރައްގީވެފައިވާ ޒަމާނެއްގައި ވަގުތުން އެއްތަނަކުން އަނެއް ތަނަކަށް ޚަބަރު ފޮނުވޭނެ ވަސީލަތްތައް ތަނަވަސްވެފައި ހުރުމާއެކު މި ޒަމާނުގައި އެގޮތަށް ކަންތައް ކުރުމަކީ އުނދަގޫކަމަކަށް ނުވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވިގޮތުގައި 2006 ވަނަ އަހަރު މޮރޮކޯގައި ބޭއްވި ފަސްޓް ގްލޯބަލް ކަލެންޑާ މީޓީންއަށް ހުށަހެޅި އަދި ފަހުން 2010 ވަނަ އަހަރު އަބޫދާބީގައި ބޭއްވުނު ސެކަންޑް އެމިރޭޓްސް އެސްޓްރޮނޮމިކަލް ކޮންފަރެންސަށް ހުށަހެޅިފައިވާ ޚިޔާލާ އެއްގޮތަށް ޢަމަލުކުރެވިއްޖެނަމަ މައްސަލަ އަބަދަށް ޙައްލުވާނެ ކަމަށެވެ.
އެހުށަހެޅުމުގައިވަނީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހު މައްކާ ގަޑިން މެންދުރުން އަނބުރާ 3:00 ޖެހުމުގެ ކުރިން ރަމަޒާން މަހުގެ ހަނދު އުފަންވާނެކަމަށް ފަލަކީ ހިސާބުން ދައްކާނަމަ، އެދުވަހުގެ އިރު އޮއްސުމުން ރަމަޒާން މަސް ފެށުނީ ކަމަށް ނިންމުމެވެ. ސަބަބަކީ، މައްކާ ގަޑިން މެންދުރުން އަނބުރާ 3:00 ޖަހާއިރަކީ ދުނިޔޭގެ ތާރީހު ބަދަލުވާ ރޮނގުގައިވާ ތަންތަނަށް ސުންގަނޑި ކަމަށްވާތީ، އޭގެ ކުރިން ހަނދު އުފަންވެއްޖެނަމަ އެދުވަހު ދުނިޔޭގެ ކޮންމެވެސް ތަނަކަށް ހަނދުފެނުމުގެ ފުރުޞަތު އޮންނާނެތީ އެވެ.
ރަމަޒާންމަހުގެ ހަނދު އުފަންވަނީ އެގަޑީގެ ފަހުން ކަމަށް ފަލަކީ ހިސާބުން ދައްކާނަމަ، ޖެހިގެން އަންނަ ދުވަސް ބަލަންޖެހޭނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަމަށްވެސް އެހުށަހެޅުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ