ރައީސް ޔާމީން މާލެ ގެނެސްފި

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ގެނެސްފި އެވެ. އެމަނިކުފާނު މިއަދު ހެނދުނު މާލެ ގެނެސްފައިވާކަން ކަރެކްޝަންސް އިން "ސަން"އަށް ކަށަވަރުކޮށްދެ އެވެ. މިހާރު ރައީސް ޔާމީން ހުންނެވީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ. ކަރެކްޝަންސް އިން ބުނީ ރައީސް ޔާމީން މާލެ ގެނެސްފައި ވަނީ ފުލުހުންގެ ބޭނުމަށެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސްފައިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ރައީސް ޔާމީން މިއަދު މާލެ ގެނައިިރު، ނިމިދިޔަ ކައުންސިލް އިންތިހާބުގައި އިދިކޮޅަށް ލިބުނު ކާމިޔާބާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި އެކަމާ ގުޅިގެން މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ "ރައީސް ޔާމީންއަށް ދެރަގޮތެއް ނުވާނެ" ކަމަށާއި އެމަނިކުފާނު އާއިލާ ކައިރިއަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ