ޑރ. އިޔާޒާމެދު އެޅި ފިޔަވަޅު އިންސާފުވެރިއެއްނޫން: ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒްއާމެދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވީ، ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. އިޔާޒް މިއަދު ވަކިކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް އިމްރާން އަބްދުﷲ ގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ޚިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ބައެއް ފިޤްހީ ރަޢުޔުގައި އެމަނިކުފާނާއި ޑރ. އިޔާޒަށް އެއްބަސް ނުވެވުނަސް، ޑރ. އިޔާޒްއާމެދު ގައުމީ ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ދީނީ ޚިލާފްތަކާމެދު ޢިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު ޢިލްމީގޮތުން ރީތި އަޚްލާގާއެކީ ބަހުސްކޮށް ހައްލު ހޯދެންވާނެ ކަމަށެވެ.
ރާއްޖޭގެ އެންމެބޮޑު ޔުނިވަރސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެފައި ވެއެވެ. އަދި އެ ނިންމުން މުރާޖައާ ކުރުމަށްވެސް ގައުމީ ޔުނިވަރސިޓީއަށް ގޮވާލައްވާފައި ވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ޑރ. މުހަންމަދު އިޔާޒް މިއަދު ވަކިކުރީ، އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ، އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ނެތްކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އެކަމަށް ތާއީދުކުރައްވާ ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.
ބޮޑެތި ފާޑުކިއުންތައް އަމާޒުވުމުން ޑރ. އިޔާޒް ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަންހެންކުދިން ޚިތާނުކުރުމަކީ އެއްވެސް އިރެއްގައި އޭނާ އެކަމަށް ވަކާލާތުކުރި އަދި ވަކާލާތުކުރާ އަދި ވަކާލާތުކުރާނެވެސް ކަމެއް ނޫންކަމަށެވެ. އަދި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއްކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަކުރުމަށް އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރައްވާ ކަމަށެވެ.
ޚިލާފު އޮތް މައްސަލައެއްގައި އޮތީ އެންމެ ރަޢުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހާ ރައުޔަކީ ނެތް ރަޢުޔުތަކެއް ކަމުގައި ހެދުމަކީ ޢިލްމީ އަމާނާތްތެރިންގެ ގޮތެއް ނޫންކަމަށް ޑރ. އިޔާޒްގެ ބަޔާނުގައި ވިދާޅުވެފައެވެ.
އަންހެނުން ޚިތާނުކުރުމުގެ މައްސަލައަކީ އިސްލާމްދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިޙްތިފާޤުވެ ވަޑައިގަނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވަކީން ޚާއްސަކޮށް ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގައި މިއީ ވާޖިބު ދަރަޖައަށްދާ މައްސަލައެއް ކަމަށާއި، އަދި މާލިކީ މަޛްހަބުގައި މިއީ ސުންނަތެއްކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މިދަރަޖައަށް އިސްލާމީ ބޮޑެތި ޢިލްމުވެރިން ވާހަކަ ދައްކަވާފައިވާ މައްސަލައަކީ އިސްލާމްދީނުގައި އަސްލެއްނެތް ކަމެއް ކަމުގައި ބުނުމަކީ ޢިލްމީގޮތުން ސައްހަ ބުނުމަކަށް ނުވާނެކަން ކަމަކަށް ބަޔާނުގައި ވިދާޚުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ