ރައީސް ޔާމީން އާއި މަޝްވަރާކުރުމަށް އިދިކޮޅުން ގޮވާލައިފި

ޤައުމަށް މިހާރު ކުރިމަތިވެފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު ރައީސް ޔާމީނާ މަޝްވަރާކުރެއްވުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، ކަރެކްޝަނަލް ސަރވިސްއިން ބުނީ، އެމަނިކުފާނު ގެއަށް ބަދަލު ކުރީ، މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭތީ ކަަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނިސްބަތްކޮށް ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމު ނާޒުކު ހާލަތުން އަދި ކުރިމަތިވެފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު ރައީސް ޔާމީނާ މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ލަފާފުޅު ސަރުކާރުން ހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ރައީސް ޔާމީން ގެކޮޅުގައި ހުންނަވާ ދުވަސްތަކުގައި ޤައުމުގެ ނާޒުކު ހާލަތު ބަދަލުކުރުމަށް ވަކީން ޚާއްޞަކޮށް އިޤުތިޞާދީ އަނދަވަޅަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު އެމަނިކުފާނުގެ ލަފާފުޅު ސަރުކާރުން ހޯދާނެ ކަމަށް އުންމީދު ކުރަން" ޝިޔާމުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެެވެ.
އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިމިވަނީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ