ރާއްޖޭގެ ސިޔާސީ ތޮބީއަތުގެ މިސްރާބު ހުރީ ރަށްވެހިި ފަތިހަކަށް: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއާއި އެކު، ރާއްޖޭގެ ސިޔާސީ ތޮބީއަތުގެ މިސްރާބުހުރީ ރައްވެހި ފަތިހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.ރައީސް ނަޝީދު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބަށްފަހު މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އިންތިހާބާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއްް ވިދާޅުވެފައި ނުވާތީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެކަން ރައީސް ނަޝީދުގެ ސަމާލު ކަމަށް ގެނައުމުންނެވެ.އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ވަކި ޕާޓީއަކަށް ލިބުނު ނަތީޖާއެއް ފާހަގަ ކުރައްވާ އެމަނިކުފާނު އެ ވާހަކަ މަޖިލީހުގައި ދެއްކެވުން އެއީ ކޮން ކަހަލަ ކަމަކަށް ވެދާނެތޯ ވިސްނަވާލެއްވުމުގެ ގޮތުން އެއްޗެއް ނުދެންނެވީ ކަމަށެވެ.މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބެއްގައިވެސް އެމްޑީޕީން ދަނީ އޭގެ ކުރީ އިންތިހާބާއި އަޅާބަލާއިރު ކާމިޔާބު ހޯދަމުން ކަމަށާއި އިދިކޮޅު ޕީޕީއެމުން ވެސް ކާމިޔާބު ހޯދަމުންދާ ކަމަށެވެ. އެގޮތުން މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމްއަށް މީގެކުރިން ކާމިޔާބު ނުލިބޭ ގޮނޑިތަކެއް ކާމިޔާބު ކުރުމުން އެ ޕާޓީއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. "ހާއްސަކޮށް މާލޭގެ ނަތީޖާ، މާލޭގެ މޭޔަރު ކަން ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދު ވިދާޅުވީމި އިންތިހާބުންވެސް ފެނިގެންދަނީ ރާއްޖޭގެ ސިޔާސީ ތަބީއަތު އޭގެ މަންޒިލަށް މިސްރާބު ޖަހާފައި ހުރި ތަންކަމަށާއި، އަދި އެއީ ރަށްވެހި ފަތިހަށް ޖަހާފައިވާ މިސްރާބެއް ކަމަށް ވިދާޅުވިއެވެ. "ރަށްވެހި ފަތިސް" އެއީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން މި ފަހަރު ބޭނުން ކުރި ކެމްޕޭން ސްލޯގަން އެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގިނަ ގޮނޑި ގެންގޮސްފައި ވަނީ އެމްޑީޕީ ކަމަށް މިހާތަނަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.ނަމަވެސް މާލޭ ސިޓީ ހިމެނޭ ގޮތަށް ކުރިން އެމްޑީޕީން ވިދިވިދިގެން ކާމިޔާބު ކުރަމުން އައި މުހިންމު ކައުންސިލްތަކެއްގެ އަގުލަބިއްޔަތު ވަނީ އެ ޕާޓީއަށް ގެއްލިފަ އެވެ. އެގޮތުން މާލޭ މޭޔަރު ކަމަށް ވެސް އިންތިހާބުވެވަޑައިގެންފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޑރ. މުހައްމަދު މުއިއްޒެވެ.އިދިކޮޅުން ބުނަމުން އަންނަނީ މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް އެމްޑީޕީން ވެސް ވޯޓު ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން އެމްޑީޕީއަށް ނޫނެކޭ ބުނެފައި ވަނީ މާލޭގެ ރައްޔިތުންނަށްވީ ވައުދުތައް ފުއްދާފައި ނުވާތީ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ