އުސޫލާ ހިލާފަށް ކުޅުދުއްފުއްޓަށް ދިޔަ ފުލުހަކު ޖޫރިމަނާކޮށް، ކަރަންޓީނުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ ހިލާފަށް ކުޅުދުއްފުށީ ސިޓީއަށް ދިޔަ ފުލުހަކު ޖޫރިމަނާކޮށް، ކަރަންޓީނުކޮށްފިއެވެ.
ކޮވިޑު ފެތުރިފައި އޮތް ރަށަކުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ދަތުރުކުރާ ނަމަ، ހެލްތު މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ނަގަންޖެހެއެވެ. އަދި ކަރަންޓީނުވާން ޖެހޭ ތަނުގެ މައުލޫމާތު ވެސް ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް މީޑިއާތަކަށް ވިދާޅުވީ، އުސޫލާ ހިލާފަށް އިއްޔެ ކުޅުދުއްފުއްޓަށް ދިޔަ މީހަކު އެރަށު އެއާޕޯޓުން ހިފަހައްޓައި، ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފުލުހެއް ކަމަށް ވިދާޅުވިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ފުލުސް މީހާ ވަނީ ޖޫރިމަނާކޮށްފައެވެ.
ވެކްސިންގެ ދެ ޑޯޒް ހަމަކޮށް، ދެ ހަފުތާވެފައިވާ މީހުންނަށް ކަރަންޓީނުވެ، ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައި އޮތް ނަމަވެސް ރަށަށްދާއިރު ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ އެކަން ކައުންސިލަށް އަންގަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ