ކާބޯތަކެތި ފީވެ ހަލާކުވަމުންދާތީ ލޯކަލް މާރުކޭޓު ހުސްކުރަނީ

މާލޭ މަސް މާރުކޭޓުގެ ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓުގައި ހުރި މޭވާ އާއި ތަރުކާރީ ފީވެ ހަލާކުވަމުންދާތީ އެތަން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މިކަން ސިޓީ ކައުންސިލުންވަނީ ވީނިއުސްއަށް ޔަގީންކޮށްދީފައެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯކަލް މާރުކޭޓު ހުސްކުރަންޖެހުނީ މޭވާއާއި ތަރުކަރީގެ ބާވަތްތައް ބޭނުންނުކޮށް ގިިނަދުވަހު ހުރުމުގެ ސަބަބުން އެތަކެތި ހަލާކުވަމުންދާތީ ކަމަށެވެ.
އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު މިމަސައްކަތް ކުރަމުންދަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިގެން ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.
އަދި މާރުކޭޓް ގޮޅިތަކުގެ ވެރިންނަށް އެތަކެތި ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފަހަރަކު މީހަކަށް އެމީހެއްގެ ގޮޅިން ތަކެތި ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާއިރު ގިނަބަޔަކު ވަނީ ވަރަށް ފަހަކާ ޖެހެންދެން މާރުކޭޓު ސަރަހައްދަށް އެއްވެފައެވެ.
އަދި 24 ގަޑިއިރަށް ލޮކްޑައުން ކުރުމުގެ ކުރީކޮޅު ގިނަބަޔަކު ކަމާބެހޭ ފަރާތްތަކުގެ އަމުރާއި ހިލާފަށް އެ ސަރަހައްދުގައި ވިޔަފާރިކުރިއެެވެ. ނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި ވިޔަފާރިތައް ކުރިޔަށް ނުދާކަމަށް ގޮޅިތަކުގެ ވިޔަފާރިވެރިން ބުނެއެވެ.
ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 14 މީހަކު ޕޮޒިޓިވްވެފައި ވާއިރު ކަމާބެހޭ އިދާރާތަކުން ދަނީ މީހުން ގޭގައި ތިބުމަށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ