މުޢާޒްގެ އުފަންދުވަހުގެ ހަދިޔާއަކީ ލޮލުން ކަރުނަހިލުވާލި ހަދިޔާއެއް

މިއަދަކީ ޕީ.އެސް.އެމް ނިއުސް ޗެނަލްގެ ޕްރެސެންޓަރ ޢަބްދުﷲ މުޢާޒްގެ އުފަންދުވަހެވެ. އޭނާއަށް އުފަންދުވަހުގެ ހަދިޔާ ލިބުނީ އަދި މިހާތަނަށް ރާއްޖޭގައި އުފަންދުވަހުގެ ހަދިޔާއެއް އެއްވެސް މީހަކަށް ނުލިބޭފަދަ ގޮތަކަށެވެ. ލައިވް ޓީވީގައެވެ. މުޢާޒްގެ ކުޑަ ދަރިފުޅުގެ ފަރާތުން ލިބުނު އުފަންދުވަހުގެ ތަހުނިޔާގެ މެސެޖު ބްރޯޑްކާސްޓް ކުރީ ލައިވްކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރޭގައެވެ.
 
މުއާޒަށް އޭނާގެ ލޯބިވާ ދަރިފުޅު ފޮނުވި ތަހުިނާގެ މެސެޖު ބްރޯޑްކާސްޓް ކުރަނީ
 
ބައްޕައަށް ހެޕީ ބަރތުޑޭއޭ ބުނެ ތަހުނިޔާގެ މެސެޖު ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުން މުޢާޒަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ. އޭނާއާއެކު ޕްރޮގްރާމް ހުށަހަޅަން އިން ނިޝާން މުޙައްމަދު ދީދީގެ ސުވާލަކަށްވީ، ކުރެވުނު އިޙްސާސަކީ ކޮބައިތޯއެވެ. އަދި އެކަމާމެދު ބުނާނީ ކީކޭތޯއެވެ. ނަމަވެސް މުޢާޒް އެވަގުތު އިނީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. ލިބުނު އުފާވެރިކަން އޭނާގެ މޫނުމަތިން ވަރަށްބޮޑަށް ފެންނަން ހުއްޓެވެ. އަދި އެވަގުތު ކުރި އަސަރާއެކު މުޢާޒްގެ ލޮލުންފޭބި ކަރުނަ ފޮހެލަމުން 'ވަރަށް ސަޕްރައިޒް' އޭ ބުނެލިއެވެ. އެވަޤުތުކޮޅަކީ ވަރަށް 'ލޯބި' ވަގުތުކޮޅެއްކަމަށް މީސްމީޑިޔާގައި އެކަމާމެދު ވާހަކަދެއްކި މީހުން ބުންޏެވެ.
 
މުއާޒު ދަރިފުޅުގެ މެސެޖު ބެލުމަށްފަހު ކަރުނަ ފޮހެލަނީ
 
ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ޢާންމު ކަންތައްތަކެއް އެހެން ގޮތްގޮތަށް ބަދަލުކުރަން މިވަނީ ޖެހިފައެވެ. ފުރަމާލޭގެ މުޅި ރައްޔިތުން ގޭގައި މަޑުކުރުން ނޫން އެހެން ގޮތެއް ނެތްކަމަށް މިވަނީ ކަނޑައެޅިފައެވެ. ނަމަވެސް މިޙާލަތުގައިވެސް ޤައުމު ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދަން ޖެހެއެވެ. އެހެންކަމުން ބައެއް ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުތަކަކާއެކު ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަޖައްސަވާފައެވެ.
 
އެގޮތުން މީޑިއާގެ ޚިދުމަތްތައްވެސް މެދުނުކެނޑި ދިނުމަށް ނިންމާފައިވާތީ ރާއްޖޭގައި ޚިދުމަތްދޭ ޓީވީ ޗެނަލްތަކާއި ނޫސްތައް އެބަހިންގައެވެ. ނަމަވެސް ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން އެކަން ކުރުމަށް ހުރިހާ މީޑިއާތަކުންވެސް ވަނީ ނިންމާފައެވެ.
 
ރާއްޖޭގެ އެންމެބޮޑު މީޑިޔާ ކުންފުނި ކަމަށްވާ ޕަބްލިކް ސަރވިސް މީޑިޔާގެ މުވައްޒަފުންގެ ތެރެއިންވެސް ކިރިޔާ ފުދޭވަރަށް މުވައްޒަރުން ނެރެގެން އެކުންފުނީގެ ބައެއް ޗެނަލްތައް އެބަހިންގައެވެ. އެކުންފުނީގެ ޓީވީޗެނަލްތަކުގެ ތެރެއިން ޓެލެވިޜަން މޯލްޑިވްސްއިން ޢާންމުކޮށް ގެނެސްދޭ ހުރިހާ ޕްރޮގްރާމްތަކެއް ވަނީ ހުއްޓާލާފައެވެ. އެޗެނަލުން ދައްކަނީ އެކުންފުނީގެ ޚަބަރު ޗެނަލް، ޕީ.އެސް.އެމް ނިއުސްގެ ފީޑެވެ. ޕީ.އެސް.އެމް ނިއުސްއިން މެދުކެނޑުމެއްނެތި ކޮވިޑް-19 ގެ އަދާހަމަތައް ގެނެސްދެމުންއާދެއެވެ.
 
ފުރަބަންދުގެ ދުވަސްތަކުގައި ޕީ.އެސް.އެމްގައި މަސައްކަތްކުރަން އޮފީހުގައި ހޭދަކުރާ މުވައްޒަފުންގެ ނިދުމާއި ކެއުންފަދަ ކަންކަން ހަމަޖައްސާފައިވަނީ އޮފީހުގައެވެ. އޮފީހުން ބޭރަށް، ގެއަށް ދިއުމެއް ނެތެވެ. ޤައުމީ ޚިދުމަތުގައި އެމުވައްޒަފުން ހޭދަކުރާ ކޮންމެ ހިނދުކޮޅެއްގެ އަގު ނުހަނު ބޮޑެވެ. އެފަދަ ވަގުތެއްގައި ލޯބިވާ އާޢިލާއާ ބައްދަލުނުވެ ހޭދަކުރެވޭ ދުވަސްތަކުގައި އާޢިލާގެ މެންބަރުންނާއި ލޯބިވާ އެންމެހާ ފަރާތްތަކުން ފޮނުވާލާ ހެޔޮއެދުމުގެ ބަސްތަކަކީ ހަޤީޤަތުގައިވެސް ވަރަށް ފުން އިޙްސާސެއް ކުރުވާނެ ބަސްތަކެކެވެ.
 
މި ފުރުޞަޠުގައި ޕަބްލިކް ސަރވިސް މީޑިޔާގެ ކުޅަދާނަ ޖަރނަލިސްޓް ޢަބްދުﷲ މުޢާޒަށް ޓީމް 'ވިޔަސް' ގެ ފަރާތުންވެސް އުފަންދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދު އަރިސްކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ