މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓުމަންޓުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާ މިއަދު ދޫކޮށްލައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި ޖުމްލަ 9 މީހަކު ހައްޔަރުކުރިއިރު ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް އެ އެކައުންޓަކީ ކާކުގެ އެކައުންޓެއް ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އެ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކޮށްފައިވާ ކަމަށެވެ.
މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޭނާގެ މައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އަރުޝަދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު 12:00ގައި ކޯޓަށް ހާޒިރު ކުރުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ދޫކޮށްލީ ކޮން ޝަރުތުތަކެއް ކޮށްފައި ކަމެއް ނޭނގެއެވެ.
މިއަދު ފުލުހުން ބުނީ މީގެކުރިން ފުލުހުން ބުނެފައިވާ ބޭންކް އެކައުންޓަކީ ވެސް އަރުޝަދުގެ ނަން މަތީގައި އޮތް އެކައުންޓެއް ކަމަށެވެ. އެ އެކައުންޓުގައި ގާތްގަނޑަކަށް 4.6 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި އެހެންކަމުން އެ ފައިސާ ކޯޓު އަމުރެއްގެ ދަށުން ފްރީޒު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ބުނާ އަރުޝަދު ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ