ކަރަންޓީނުކޮށްފައި ތިއްބައި ފިލަން އުޅުނު މީހުންގެ ސަބަބުން އެތައްބަޔަކަށް ބަލިޖެހިއްޖެ

ކޮރޯނާ ވައިރަސް ފެތުރުން މަދުކުރުމަށްޓަކައި ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެގައުމުގައި އިޢުލާން ކޮށްފައިވާ ކަރފިއު ހިމެނެއެވެ. މަހެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ ކަރފިއުގެ ދުވަސްވަރު ބައެއް މީހުން ވަނީ ކަރަންޓީންވެސް ކޮށްފައެވެ.
 
ނަމަވެސް ކަރަންޓީނު ކޮށްފައިވާ ބައެއްމީހުން އަމުރަށް ނުކިޔަމަންތެރިވެ ކަރަންޓީނުން ފިލަން މަސައްކަތްކޮށްފައިވެއެވެ. އަދި އެމީހުން ހިފައި ހައްޔަރު ކުރުމަށް އެގައުމުގެ ނޭވީ ސިފައިން ޙަރަކާތްތެރިވިއެވެ. އެކަމުގައި ޙަރަކާތްތެރިވި ނޭވީ ސިފައިންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެކަނިވެސް 46 މީހުންނަށް އެބަލި ވަނީ ޖެހިފައެވެ. އެއީ ސްރީލަންކާއިން އެހައިތަނަށް އެއްދުވަހަކާ އެހާ ގިނަމީހުން ބައްޔަށް ފައްސިވި ދުވަހެވެ. އެގައުމުގެ މިހާތަނަށް 420 މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 7 މީހުން ވަނީ އެބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ 109 މީހުންނެވެ.
 
އެއްމަސްދުވަހަށް ދެމިގެންދިޔަ ކަރފިއުއަށްފަހު ސްރީލަންކާގެ ބައެއް ހިސާބުތަކުގައި ދުވާލުގެ ބައެެއް ވަގުތުތަކުގައި ޢާންމުން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދެވިފައިވެއެވެ. ނަމަވެސް 46 މީހުން އެއްފަހަރާ ފައްސިވުމުން އަނެއްކާވެސް ކަރފިއުގެ މުއްދަތު ސައުވީސް ގަޑިއިރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަލަށް އިޢުލާން ކުރި ކަރފިއު ހޯމަދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ.
 
ކަރފިއުގެ މުއްދަތުގައި މީހުން އެއްވެސް ވަރަކަށް ބޭރަށް ނިކުތުން މަނާކޮށްފައިވާއިރުވެސް ބައެއް މީހުން މަގުތަކަށް ނިކުތުމުގެ ސަބަބުން ވަނީ ހައްޔަރު ކުރެވިފައެވެ.  އެގައުމުގައި 3500 އަށްވުރެ ގިނަމީހުން ކަރަންޓީން ކޮށްފައިވެއެވެ. އޭގެތެރޭގައި ސްރީލަންކާ ނޫން އެހެން 14 ގައުމަކަށް ނިސްބަތްވާ 31 މީހަކުވެސް ހިމެނެއެވެ. މީހުން ކަރަންޓީން ކުރުމަށް ސްރީލަންކާގައި 45 ތަނެއް ވަނީ ހަމަޖައްސާފައެވެ. މިހާރު އިޢުލާންކޮށްފައިވާ ކަރފިއުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަދުވަހުގެ ހެނދުނަށެވެ.
 
ސްރީލަންކާގެ ފުލުހުން ބުނާގޮތުގައި ކަރފިއު އިޢުލާނުކޮށްފައި އޮތް ދުވަސްތަކުގައި އަމުރާ ޚިލާފުވުމުގެ ސަބަބުން ތިރީސްހާސް މީހުން ހައްޔަރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ