2018 ގެ ނިޔަލަށް ފަތުރުވެރިކަމުގެ އާމްދަނީ 4.9 ބިލިއަން ޑޮލަރަށް އިތުރުވާނެ- މިނިސްޓަރ ސަޢީދު

2018ގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 4.9 ބިލިޔަން ޑޮލަރަށް އިތުރުވެގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ ރޭ ހުޅުލޭގައި ބޭއްވި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ އިންޓަރނޭޝަނަލް ޕެސެންޖަރ އައު ޓާރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި މިހާރު 26500 އެނދު ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު 50 ރިސޯޓު ރައީސް ޔާމީންގެ ވެރިކަން ނިމިގެންދާއިރު ނެރެވިގެން ދާނެކަމަށެވެ. އެގޮތުން މި 26500 އެނދު މިޙާރު ރާއްޖޭގައި ހުރިއިރު، 65 އިންސައްތާގެ އޮކިޔުޕަންސީ ރޭޓުން ބަލާނަމަ އަހަރަކު 3.2 ބިލިޔަން ޑޮލަރު ރާއްޖެއަށް ލިބެމުންދާ ކަމަށެވެ.
އިތުރު 50 ރިސޯޓް 2018ގެ ނިޔަލަށް ހުޅުވިގެން ދާއިރު، މިނިސްޓަރ ސަޢީދު ވިދާޅުވީ 12500 އެނދާއެކު 1.7 ބިލިޔަން ޑޮލަރު ލިބި، ޖުމްލަ 4.9 ބިލިޔަން ޑޮލަރު ފަތުރުރވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ލިބިގެން ދާނެކަމަށެވެ.
12500 ވަރަކަށް އެނދު އެންމެ ފަސް އަހަރުތެރޭގައި ނިންމީމާ އޭގެ މާނައަކީ މި ރޭޝިއޯ އިން ބަލާކަމުގައި ވާނަމަ 1.7 ބިލިޔަން އެމެރިކާ ޑޮލަރު.." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުން ހިމެނިފައިވާކަން ހާމަކޮށް މިނިސްޓަރ ސަޢީދު ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ވެގެންދާނީ މުޅި ދުނިޔެ ޙައިރާން ކޮށްލާ ވަރުގެ، ޓެކްނޮލޮޖީގެ ގޮތުން މޮޅު މަޝްރޫޢެއްގެ ގޮތުގައެވެ. އެގޮތުން ބްރިޖް ހަދަން ޖަހާ ތަނބުތަކަކީ 60 މީޓަރު ފުނަށް ޑްރިލްކޯށްގެން ޖަހާ ތަނބުތަކެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އައިއެންއައިއޭގައި ޤާއިމް ކުރެވޭ އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް އެޅުމެއް ހަވާލުކޮށްފައިވަނީ ސަޢުދިއަރަބިޔާގެ ބިއްލާދިން ގްރޫޕާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ