ގާޒީ އާލީ އާދަމް ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.މިކަމާގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރި މައްސަލައިގައި، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މަޢުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތުވާކަމަށެވެ.ހަމައެހެންމެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށްވެސް ޖޭ.އެސް.ސީއިން ވިދާޅުވެއެވެ.މީގެ ކުރިން ވެސް އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލައެއް ޖޭއެސްސީ އިން ތަހްގީގު ކުރިއެވެ. އެ ފަހަރު ތަހްގީގު ކުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ގެވެށި އަނިޔާ އިން ރައްކާތެރިވުމާއި ގުޅޭ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ. ނަމަވެސް ޖޭއެސްސީ އިން ނިންމީ އެމައްސަލަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ