ވަރިވާން ދިޔަ އިތުރު އަންހެނަކަށް ގާޒީ ގުޅި މައްސަލައެއް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ގާޒީ އިތުރު ސުލޫކީ މައްސަލައެއްގައި ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވައިފި އެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލައާ ގުޅިގެން ޖޭއެސްސީން މީގެކުރިން ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ މަޖިލީހަށް ފޮނުވާފަ އެވެ. ނަމަވެސް އެ މައްސަލައާ މެދު މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ޖޭއެސްސީން މިއަދު ބުނީ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި އިތުރު ފަރާތަކަށް ވެސް ގުޅައި މެސެޖުކޮށް، ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ޢިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަޤްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
އިސް މެޖިސްޓްރޭޓް ޢަލީ އާދަމްގެ މި އަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއްކަމަށްވާތީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ޖޭއެސްސީން ވަނީ މީގެކުރިން އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ