ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްއަކަށް އެ މަގާމުގައި މިހާރު ވެސް ހުންނެވި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) މިއަދު އިންތިހާބުވެވަޑައިގެންފިއެވެ.
އަބްދުﷲ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތީ މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނެޝަނަލް ހޮޓަލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ އެސޯސިއޭޝަންގެ ބޯޑު އެކުލަވާލައިފައެވެ.
އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ނޫމޫ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ވަހީދާއި ގުމްބަރު އިން ގެސްޓްހައުސްގެ ވެރިޔާ އަބްދުލް ސަމީއު އިމާދެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީ އަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި އެޑްވައިޒަރު އަހުމަދު ނަސީރު ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ. ނަސީރަކީ އެ ބޯޑުގެ ކޯޕަރޭޓް އެފެއާޒް މެމްބަރެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގައި ދެން ހިމެނޭ ބޯޑުގެ މެމްބަރުން:
ހަސަން އަލީ މަނިކު – ފައިނޭންޝަލް ކޮންޓްރޯލާ
އަހުމަދު އާލް ނަސީރު – ޕީއާރު އެންޑް މާކެޓިން
އަހުމަދު ސާމިލު – އެކްސްކޯ މެންބަރު
މުހައްމަދު ޔާމީން – އެކްސްކޯ މެންބަރު
އަމްޖަދު އިސްމާއީލް – އެކްސްކޯ މެންބަރު
އަންދުﷲ ސަމީރު – އެކްސްކޯ މެންބަރު
އަހުމަދު ކަރަމް – އެކްސްކޯ މެންބަރު
ރާއިފް ޝާޒް ވަލީދު – އެކްސްކޯ މެންބަރު
ސައުދުﷲ އަހުމަދު ހަސަން ދީދީ – އެކްސްކޯ މެންބަރު
ނިމާދު އިބްރާހިމް – އެކްސްކޯ މެންބަރު
އަހަރީ އާންމު ޖަލްސާގައި ވަނީ އެކި ސަރުކާރުތަކުން އިންޑަސްޓްރީ އަށް ދަތިވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދައްކަން ނިންމައިފައެވެ.
އެ ޖަމިއްޔާ އިން ކުރިޔަށް އޮތް އަހަރު ގެސްޓްހައުސްތަށް މާކެޓްކޮށްދިނުމަށް ގެސްޓްހައުސްތަކުގެ ފޮޓޯ އާއި މައުލޫމާތް ހިމެނޭ މެގަޒިންއެއް ނެރެ ބޮޑެތި ފެއާތަކުގައި އިސްތިހާރު ކުރަން ބެހުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ހުރިހާ ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބެހެއްޓުމަށް ވެސް އަހަރީ އާންމު ޖަލްސާގައި ނިންމާފައިވެއެވެ.
މީގެއިތުރުން އަންނަ މަހުން ފެށިގެން ޖަމިއްޔާގެ އޮފީހެއް މާލޭގައި ގާއިމު ކުރުމާއި ގެސްޓްހައުސް އެންމެ ގިނަ އިން ހުންނަ ރަށްރަށަށް ގޮސް ގެސްޓްހައުސްގެ ވެރިންނާ ބައްދަލު ކުރެއްވުމާއި އަންނަ އަހަރު ޔޫއެންޑީޕީ، ޔޫއެސް އެއިޑް، އީއުރަޕިއަން ޔުނިއަން ފަދަ ތަންތަނާ ގާތް ގުޅުމެއް ބާއްވާ ގެސްޓްހައުސް ތަކަށް މާލީ އެހީ ހޯދަން ވެސް ނިންމާފައިވެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާވެސް އަބްދުﷲ އިންތިހާބުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ