ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓު މުހައްމަދު ޝަހީދުއަށް މެދުނުކެނޑި ފާޑުކިޔުން އަމާޒުވުމުން ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހަޅައިފި އެވެ.
ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް ނަން އޮތް ޝަހީދު، ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންދަން ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގަ އެވެ. އެކަން ވަނީ އަދަދު އަށް ކަށަވަރުވެފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކާއި ވަރަށް ގިނަ އާންމުންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.
އޭނާ ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އޮތީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ، ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ ދެ މަގާމަކަށް އައްޔަން ކުރުމުންނެވެ.
މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.
މެދުނުކެނޑި އަމާޒުވި ފާޑުކިޔުންތަކާއެކު ނަން އަނބުރާ ގެންދަން ޝަހީދު ހުށަހަޅައިފި މެދުނުކެނޑި އަމާޒުވި ފާޑުކިޔުންތަކާއެކު ނަން އަނބުރާ ގެންދަން ޝަހީދު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ