އައްޑޫ ސިޓީގައި ކުރީ ސަރުކާރުން ތަސައްވުރުކޮށް މަސައްކަތް ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންދިޔައީ އެ އަތޮޅުގެ ރައްޔިތުން އަމިއްލަ ފައި މައްޗަށް ތެދުވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ހަންކެޑެ ޕްރޮޖެކްޓުގެ މަސައްކަތްތައް ވަރަށް ގާތުން ބެއްލެވި ފަައްޔާޒު މިހެން ވިދާޅުވީ ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ނުރުހުންވެވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުގައި 400 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓު އައްޑޫއަށް ޔަގީންކޮށްދީފައި ވަނިކޮށް ހަންކެޑެ ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓައިލުމަށެވެ. އަދި ހަންކެޑެ ހަލާލު ޓޫރިޒަމް މޮޑެލްއަކަށް ނުހިންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް." ފައްޔާޒު ލިޔުއްވާފައި ވެ އެވެ.
ހަންކެޑެ މަޝްރޫއަކީ ހުރިހާ ޕްލޭނެއް ނިމި، ފައިސާ ވެސް ހަމަޖެހިފައި އޮތް މަޝްރޫއެކެވެ. މިހެން ވިދާޅުވެ ފައްޔާޒު ވަނީ މިއީ އައްޑޫގެ ޓޫރިޒަމް އަދި މުޅި އައްޑޫގެ އިގުތިސޯދު ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެކަން ނުވެ ވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ. އެކަން ވެސް ކުރެވިފައި ނުވޭ،" ފައްޔާޒު ވިދާޅުވި އެވެ.
"މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ހަންކެޑެގައި ހަލާލު ޓޫރިޒަމް ހިންގާ ގޮތަށް ސަރުކާރުން ނިންމިއިރު، އެ ތަނުގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު ފަށަން މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެން އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ފަހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރުކޮށް ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) ކޯޕަރޭޝަނާ އެވެ. މި މަސައްކަތް ކުރަން 142.9 މިލިއަން ރުފިޔާގެ ލޯނު ހަމަޖެއްސީ ބޭންކް އޮފް ޗައިނާއިންނެވެ.
ހަންކެޑެ ހުއްޓާލީ އައްޑޫ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް: ފައްޔާޒު ހަންކެޑެ ހުއްޓާލީ އައްޑޫ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ