ތިބާ ފާފަކުރާތީ އިބްލީސް ކަންބޮޑުވެ ތިބާ ފާފަކުރުމަށް އިބްލީސް ހުރަސްއަޅައި ފާފަކުރުން ހުއްޓުވަން މަސައްކަތް ފަށާނެ ހެޔޮ ޢަމަލު-

"އަޅުގަނދަކީ 30 އަހަރުގެ ޒުވާނަކީމެވެ. އުޅެނީ ކައިވެނިވެސް ކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ރީތި، ހިތްހަމަޖެހޭ އަންހެން ކުދިން ފެނުމުން ފަހަތުން އަޅައިގަނެވެއެވެ. މިއީ ކަށިގައި ހިފާފައި ހުރި ކަމެކެވެ. މިކަމުން ސަލާމަތްވެވޭތޯ ވަރަށް މަސައްކަތްވެސް ކޮށްފީމެވެ. ނަމަވެސް އަދިވެސް ކާމިޔާބެއް ލިބެއެވެ. އެހެންވެ އަޅުގަނޑު ބޭނުންވަނީ މިކަން ހުއްޓައިލެވޭނެ ގޮތެކެވެ." 
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ކުރެވެނީ ނުބައިކަމެއްކަން ވިސްނި ހުއްޓާލަން ބޭނުންވާކަން އެއީ ތިއަކަން ހުއްޓައިލެވޭނެ ކަމުގެ ހެއްކެކެވެ. އިން ޝާ ﷲ. ތިރީގައިވާ ލިޔުމަށް ޢަމަލުކޮށްބަލާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ 
މިކިޔައިދެނީ އެ ނުބައިނުލަފާ މީސްތަކުންނަށް ހަސަދަވެރިކަމުން ހައްދުފަހަނައަޅާފައިވާ އިބިލީސް އަމިއްލައަށް ނުކުމެ ތިބާ ފާފަކުރުން ހުއްޓުވާނެ ޢަމަލެއްގެ ވާހަކައެވެ. ތިބާއަށް ފާފައެއް ކުރެވެން އުޅެވޭ ވަގުތު އެއީ ފާފައެއްކަން ހަނދާންކޮށްދީ އެކަމެއް ކުރުން ހުއްޓުވަން މަސައްކަތްކުރާނެ ޢަމަލެއްގެ ވާހަކައެވެ. އަޑުއަހައި ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން އަވަހަށް ފަށާށެވެ! އިބިލީހުގެ ކިބައިން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ 
އަމީރަކީ ހޮޓަލެއްގެ ރިސިޕްޝަނިސްޓެކެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއގެ އަންހެނުންނާއި ކުރިމަތިލާން ޖެހެއެވެ. މިގޮތަށް ބައްދަލުވުމުގެ ތެރޭގައި އަމީރުގެ ހިތަށް ނުބައި ވަސްވާސްތައް ވަންނާތީ އަމީރު އަބަދުވެސް ކަންބޮޑުވެއެވެ. އެހެންވެ އެކަމުގައި ޙައްލެއް ފެނޭތޯ އިމާމަކާއި ބައްދަލުކުރިއެވެ. 
އިމާމް ވިދާޅުވީ އެގޮތަށް ބެލިއްޖެ ނަމަ، އެފަދަ އިޙްޞާޞެއް ކުރެވިއްޖެނަމަ އަވަހަށް 2 ރަކްޢަތް ނަމާދެއް ކުރުމަށެވެ. އޭނާ ދެންނެވީ އޭނާ ކުރާ މަސައްކަތުގެ ގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ބައްދަލުކުރަން ޖެހޭ ކަމަށެވެ. އިމާމް ވިދާޅުވީ ކިތަންމެ ގިނަ ބައަކާއި ބައްދަލުކުރަން ޖެހުނު ނަމަވެސް ހިތަށް އެފަދަ އިޙްޞާޞެއް ކުރެވޭ ކޮންމެ ފަހަރަކު 2 ރަކްޢަތް ނަމާދެއް ކުރުމަށެވެ. 
އިތުރު ޖަވާބެއް ނުދެއްވުމުން އޭނާ ޤަޞްދުކުރީ އިމާމް ވިދާޅުވި ގޮތަށް އަމަލުކުރުމަށެވެ. އެ ގޮތަށް އަމަލުކުރި ފުރަތަމަ ދުވަހު ވަރަށް ބޮޑަށް ފަރުވާތެރިވެގެން ހުރުމުންވެސް 8 ރަކްޢަތް ކުރަންޖެހުނެވެ. ދެވަނަ ދުވަހު ކުރަންޖެހުނީ 6 ރަކްޢަތެވެ. 3 ވަނަ ދުވަހު 4 ރަކްޢަތެވެ. 4 ވަނަ ދުވަހު 2 ރަކްޢަތެވެ. 5 ވަނަ ދުވަހުން ފެށިގެން އެންމެ ރަކްއަތެއްވެސް ކުރާކަށް ނުޖެހެއެވެ. 
އަންހެނެއްގެ އަޑު އިވުނު ނަމަވެސް، އަރައިގެން ހުންނަ ހައިހީލްގެ "ޓިކްޓިކް" އަޑު އިވުނު ނަމަވެސް އަވަސް އަވަހަށް ޝައިޠާނާ ބުނެއެވެ. ނަމަ ނުބަލާށެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. ނޫނީ 2 ރަކްއަތް ކުރަންޖެހޭނެއެވެ. 
ޝައިޠާނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އަންހެން މީހާއަށް ބަލައި ހިތަށް ވަސްވާސް އެރުމުން ކުރެވޭ ފާފައަށްވުރެ 2 ރަކްޢަތް ނަމާދެއް ކުރުމުން ލިބޭނެ ސަވާބު ގިނަވާނެ ކަމަށް ބަލައިގެންކަމަސްވުން ގާތެވެ. ނަމާދުގެ ރަކްޢަތުގައި ކުރާ ދެ ރުކޫޢާއި 4 ސަޖިދައިގެ ސަބަބުން އެމީހާ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވެގެންދާނެތީއެވެ. ވީމާ އެމީހާގެ ހެޔޮކަމުގެ ތިލަފަތަށް ބަރުވާމިންވަރު އިތުރުވެގެންދާނެތީއެވެ. 
ކޮންމެ ބާވަތެއްގެ ނަމަވެސް ފާފައެއް ކުރެވިއްޖެކަން އިޙްޞާޞްކުރެވޭ ކޮންމެ ފަހަރަކު 2 ރަކްޢަތް ނަމާދެއް ކުރާށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެ ފާފައެއް ކުރެވުމުން ސަލާމަތްވެވޭނެއެވެ. ކުރީ ދުވަހެއްގެ ދަރުސްގައި ވަރަށް ވަރުގަދައަށް ދުންފަތުގެ އިސްތިއްމާލު ކުރަމުން އައި މީހަކު، ސިގިރެޓް ބޮވޭ ކޮންމެ ފަހަރަކު 2 ރަކްޢަތް ނަމާދެއް ކުރަން ފެށުމުން އެކަމުން ސަލާމަތްވި ގޮތް ކިޔައިދިނީމެވެ. ހަމައެކަނި ދުންފަތުގެ އިސްތިޢްމާލް ކުރުމެއްވެސް ނޫނެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ސަލާމަތްވެފައި އެބަހުއްޓެވެ. 
ކުރެވޭ ކޮންމެ ފާފައަކާއި ގުޅިގެން 2 ރަކްޢަތް ނަމާދެއް ކުރަން ފަށައިފިނަމަ އެފާފައެއް ކުރެވުމުން ސަލާމަތް ނުވެވުނު މީހަކާއި ބައްދަލުވެފައެއް ނެތެވެ. ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރިކަމާއި އަދި ފާފަކުރުމުން ސަލާމަތްވުމަށް ހިތުގައި ވަރުގަދައަށް ޢަޒުމް ކަނޑައެޅުމެވެ. ހަމަ އެއާއިއެކު އެކަމަށް އެދި ދުޢާ ކުރުމެވެ. 
ބައެއް މީހުންނަކީ ވަރަށް އާދައިގެ ކަންކަމުގައިވެސް ވަރަށް ފަސޭހައިން ރުޅި އާދެވޭ ބައެކެވެ. ރުޅިގަނޑު މަޑުވުމުން އެކަމާއިމެދު ހިތާމަވެސް ކުރެއެވެ. ރުޅި އަންނަ ވަގުތު ދުލުން ބުނެވޭ ބަސްތަކަށާއި ކުރެވޭ އަމަލުތަކުގެ މައްޗަށެވެ. އަޖުމަ ބަލައިލަން ނަމަވެސް އެފަދަ ކަމެއް މެދުވެރިވުމުން ވުޟޫކޮށްލައިގެން 2 ރަކްޢަތް ނަމާދެއް ކުރަން ފަށައިބަލާށެވެ. ރުޅި އަންނަ އިރަށް އިބިލީސް އައިސް ބުނަން ފަށާނެއެވެ. "އަވަހަށް ރުޅި މަޑުކުރާށެވެ! ރުޅި އައުމަކީ ވަރަށް ގޯސްކަމެކެވެ. ތިއުޅެވެނީ އަނބިދަރިންނަށް ނުބައި ބަސް ބުނެވި ހަރުކަށި އަމަލުތައްވެސް ކުރެވޭށެވެ! ފަހުން މާދެރަވާނެ ޖެހޭނެއެވެ." 
ކުރިންވެސް ބުނި ފަދައިން މިވާގޮތަކީ އިބިލީސް އެންމެ ދެރަވެ ހިތުގައި ޖެހޭކަމަކީ މީސްތަކުން ﷲ ތަޢާލާއަށް ސަޖިދަކުރުމެވެ. ފާފައެއް ކުރެވޭއިރަށް 4 ސަޖިދަކުރާތަން ދެކެން އިބިލީހަށް ކެތްނުކުރެވެނީއެވެ. އިބިލީސް ބޭނުންވަނީ ސަޖިދަކުރުމަށް ހުރަސްއަޅާށެވެ. އެކަން ކުރެވެންއޮތީ ފާފަކުރިއަ ނުދިނުމުން ކަމަށްވާތީ ފާފަކުރަން ހުރަސް އަޅަނީއެވެ. 
މިކަންކަން ބަޔާން ކުރައްވަވައި ޝައިޚް މިހާރު ވަނީ ފޮތެއްވެސް ލިޔުއްވައިފައެވެ. އެ ފޮތް ކިޔައި އެތައް ހާސް ބައަކު ދަނީ މިކަންކަން ތަޖުރިބާކުރަމުންނެވެ. 
ކޮންމެ މީހަކުވެސް ފާފަކުރަނީ އަމިއްލައަށެވެ. އެކަމުގެ ޒިންމާ އިބިލީހުގެ ކިބައިގައި އެޅުވުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަންޖެހޭނީ ހަމަ އެމީހެކެވެ. އިބްލީސް މީސްތަކުން ލައްވައި ފާފަކުރުވަނީ ކަމަށް ބުނެވޭ ބަހުގެ މާނައަކީ ފާފަކުރުމަށް ވަސްވާސްދީ އިބިލީސް ހިތްވަރުދޭކަމެވެ. ވީމާ ރައްކައުތެރިކަން ހޯދުމަކީ ހަމަ އެމީހެއްގެ ކަމެކެވެ. 
ޤިޔާމަތް ދުވަހު މީސްތަކުން އެމީހުން ލައްވައި އިބިލީސް ފާފަކުރުވީކަމަށް ދަންނަވާހިނދު އިބިލީސް އެކުށުން ބަރީޢަވާނެއެވެ. އަދި ބުނާނެތެވެ. ފާފަކުރީ ތިބާ އަމިއްލައަށެވެ. އަހަރެންކުރިކަމަކީ ހަމައެކަނި ވަސްވާސްދިނުމެވެ. ތިބާ ލައްވައި ފާފަކުރުވަން އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. މިއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ