ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ބުރަފަތި ގާޑު އަޅުވަން ޖެހޭގޮތަށް ގަވާއިދެއް ހަދަނީ ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގައި ބުރަފަތި ގާޑު އަޅުވަން ޖެހޭގޮތަށް ގަވާއިދެއް ހަދަނީ

ފެހުރިހި ހިމާޔަތްކުރުމަށާއި އެ ތަކެތި ބަލަން ދާ މީހުންގެ ސަލާމަތަށްޓަކައި، އެފަދަ ސަރަހައްދުތަކަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އަޅަން މަޖުބޫރުކޮށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިންޓަވިއުއެއްގައި ތޯރިގު ވިދާޅުވީ، ފެހުރިހި ބަލަން ދާ ސަރަހައްދުތަކުގައި މިހާރު އަމަލުކުރާ އެއްވެސް އުސޫލެއް ގަވާއިދެއް ނޯންނަ ކަމަށާއި އޭގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
މިކަންކަމާ ގުޅިގެން ފެހުރިހި ހިމާޔަތް ކުރުމަށް މީގެ ކުރިންވެސް ގަވާއިދެއް ހަދާފައިވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ އިތުރު ގަވާއިދެއްގެ ދަށުން ބުރަފަތި ގާޑު މަޖުބޫރުކުރުވުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އިތުރު ގަވާއިދެއް އަންނާނެ މި ގާޑު އެޅުވުމުގެ. ލޯންޗުގަ އިންނަ ބުރަފަތީގަ ގާޑު އަޅުވައިގެން ނޫނީ އެ ހިސާބަށް އެތެރެ ނުވަދެވޭނެ ކަމަށް. އެވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގަ އެކަންތައްތައް އިމްޕްލިމެންޓު ވެގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
ބޮޑެތި ބޯޓު ފަހަރަށް ވެސް މި ގަވާއިދުގެ ދަށުން ގާޑު އެޅުވުމުގައި ކަންކުރާނެ ގޮތް އޮންނާނެ ކަމަށާއި ފެހުރިހި ބަލަންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ހާއްސަ ތަމްރީނެއް ހެދުމަށް ލާޒިމުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ގަވާއިދުގެ ދަށުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ގިނައިން ފެހުރިހި ފެންނަ އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަހައްދަށް ކަމަށް ތޯރިގު ފާހަގަކުރެއްވި އެވެ.
"އެތަނަށް ގޮސް ވޭލް ޝާކެއްގެ ފަހަތުން 100 ގެސްޓުން ވެސް އެބަ ފަތާ. އެއަކު ނޯވޭ ވަކި އުސޫލެއް. އެތާ އެތެރަށް ގެސްޓުން ފަތަފަތާ ތިއްބާ ލޯންޗު ވެސް ވަންނަނީ. ބޮޑެތި ސަފާރީ ވެސް ވަންނަނީ. އެ މީހުން ބަލަހައްޓާނެ ބަޔަކު ނޯވޭ،" އޭނާ ވިދާޅުވި އެވެ.
މިހެން މިކަން އޮތޮމުގެ ސަބަބުން މި ފަހުން ވެސް ދެ ހާދިސާއެއްގެ ދެ ފަތުރުވެރިއެއްގެ ފުރާނަ ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަދަ ހާދިސާއެއްގައި އެންމެ ފަހުން މަރުވީ އާޖެންޓީނާއަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ. އޭނާ ގައިގައި ލޯންޗަކުން ޖެހުނީ އދ. ގައި އޮންނަ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރަށް މޫދަށް އެރި އުޅެނިކޮށެވެ.
މީގެ އިތުރުން، ފެހުރިއްސާ ބެހޭ ދިރާސާއެއް ހެދުމަށް އައިސް އުޅުނު ސިންގަޕޫރްގެ ޓީމެއްގައި ހިމެނޭ 15 އަހަރުގެ ކުއްޖަކުވެސް ދޯންޏެއްގެ ބުރަފައްޗަކުން ޖެހި މަރުވި އެވެ. އދ. ދިގުރަށް ކައިރިން ހިނގި މި ހާދިސާގައި އެ ކުއްޖާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ