ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމު އަންނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ދޫކޮށްލަން ޑިޑިއޭ ޑެޝޯން ނިންމައިފި އެވެ.
ކުރީގެ ކެޕްޓަން ޑެޝޯން އަކީ ފްރާންސްގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ގައުމީ ކޯޗުކަން ކުރި މީހާ އެވެ. އޭނާ ޓީމާ ހަވާލުވީ 2012 ވަނަ އަހަރު ލޯރަންޓް ބްލޮންކް މަގާމުން ވަކިކުރުމުންނެވެ.
ޑެޝޯން ވަނީ އޭނާގެ ކޯޗުކަމުގައި ޔޫރޯގެ ފައިނަލަކާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި ވޯލްޑްކަޕުގެ ފައިނަލްގައި މިހާތަނަށް ފެނުނު އެންމެ މޮޅު މެޗުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ 2022 ވަނަ އަހަރުގެ މުބާރާތުގައި ފައިނަލް ވެސް އޭނާގެ ކޯޗުކަމުގައި ފްރާންްސް ވަނީ ކުޅެފަ އެވެ.
ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ނަމަވެސް އުމުރުން 56 އަހަރުގެ ކޯޗު މަގާމު ދޫކޮށްލާ ވަކި ސަބަބެއް ނުބުނެ އެވެ. ނަމަވެސް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މިއަދުގެ ވަގުތެއްގައި ޑެޝޯން އޭނާގެ ނިންމުން އާއްމުކޮށް އިއުލާނުކުރާނެ ކަމަށް ބުނެފަ އެވެ.
ޑެޝޯން އަށް ފަހު ފްރާންސްގެ ކޯޗުކަމަށް އައުން އެންމެ ގާތް އެކަކަށްވާނީ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ޒައިނުއްދީން ޒިދާނެވެ. އޭނާ އެއްވެސް ކުލަބަކާ ހަވާލުނުވެ ހުރި މައިގަނޑު ސަބަބަކީ ވެސް ފްރާންސްގެ ގައުމީ ކޯޗުކަމުގެ މަގާމަށް ކުރާ އުއްމީދެވެ.
2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ޑެޝޯން ކޮންޓްރެކްޓް އާކުރުމުން ޒިދާނާ ދެމެދު ކޮންމެވެސް ވަރަކަށް މައްސަލަ ޖެހުނު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން ޓީމުގައި ކުޅުނު ދެ މި ދެ ކުޅުންތެރިންގެ އެކުވެރިން އެވާހަކަތައް ދޮގުކުރެ އެވެ.
ޑެޝޯން އަކީ 98ގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި 2001 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކާމިޔާބުކުރި ފްރާންސް ޓީމުގެ ކެޕްޓަނެވެ. އޭނާ އަކީ ކެޕްޓަނެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވޯލްޑްކަޕް ހޯދި މަދު މީހުންގެ ތެރެއިން އެކެކެވެ.
ފްރާންސްގެ ކޯޗުކަމުގައި ޑެޝޯން ދެން ނުހުންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ