ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ 13 ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކުރުމުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް މެމްބަރެއްގެ މައްޗަށް އަތުވެއްޖެ ނަމަ އެ މީހަކު މެމްބަރުކަމުން ވަކިވާނެ އެވެ. ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުން ގޮނޑި ގެއްލޭ ވަރުގެ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް އިސްތިއުނާފް މަރުހަލާ ނިމެންދެން އެ ދާއިރާގެ ބައި އިލެކްޝަނެއް ނުބޭއްވޭނެ އެވެ.
ނަމަވެސް ނާޒިމަށް ޖަލު ހުކުމް އިއްވީ އެންމެ މަތީ ކޯޓުން ކަމަށްވެފައި އިތުރަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތުމުން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެއްވެސް ހުރަހެއް ނެތެވެ.
ނާޒިމް ޖަލަށްލާން ހުކުމް ކުރުމާ އެކު ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރަން ބައެއް ފަރާތްތަކުން ވަނީ ޝައުގުވެރިކަން ފާޅުކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ