ރައީސް ޔާމިން ޖަލުން މިނިވުމުން, ކުޑަމިނުން މަރުޙަބާ ވިދާޅުވެ ޓުވީޓެއްހާ މިންވަރުވެސް ކޮށްލެއްވުމަށް އެމަނިކުފާނުގެ 2018ގެ ރަނިންމޭޓް ޑރ. ޝަހީމަށް ކެރިވަޑައެއް ނުގަތް!

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޔާމިންގެ ޖަލު ހުކުމް އިއްޔެ ހައި ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެ ވަޑައިގަތުމުން ކުޑަމިނުން މަރުހަބާ ވިދާޅުވެ ޓުވީޓެއްހާ މިންވަރުވެސް ކޮށްލެއްވުމަށް އެމަނިކުފާނުގެ 2018ގެ ރަނިންމޭޓް, މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ކެރިވަޑައެއް ނުގެންނެވިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.
އެހެންނަމަވެސް އެ މައްސަލައިގެ އިސްތިއުނާފްގެ އަޑު އެހުންތައް ނިންމިތާވެސް 4 މަސް ފާއިތުވެގެންދިޔަ ފަހުން, ޔާމީން މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ރޭ ހައިކޯޓުން ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް ކްރިމަނަލް ކޯޓަށް ހައިކޯޓުން ވަނީ މައްސަލަ ފޮނުވާފައެވެ.
އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްވެސް މިހާރު ވަނީ މިނިވަންކޮށްފައެވެ.
އިއްޔެ ރައީސް މިނިވަން ވުމާއެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަދު ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް މުއިއްޒު އިސް އެޑްވައިޒަރު އަބުދުއްރަހީމްއާއި ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިތުރުން އެޓޯލްސް މިނިސްޓަރ އާދަމް ޝަރީފްއެވެ.
ޑރ. ޝަހީމް ހިމެނިވަޑައިގަންނަވަނީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރައީސް މުއިއްޒުއަށް އެންމެ ބޮޑަށް ހުށާމަތުކޮށް ސަނާ ކިޔުއްވަމުން ގެންދަވާ ވަޒީރުގެ ގޮތުގައެވެ. އައި އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި, ގާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ވަޒީރުކަން ކުރައްވަމުން ގެންދަވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި, ވަކީން ޚާއްސަކޮށް ރައިސް ޔާމިންގެ 2018 ވަނަ އަހަަރުގެ ރަނިން މޭޓަށް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ އެންމެ ކުޑަމިނުން ޓުވީޓެއްހާ މިންވަރުވެސް ކޮށްލައްވަން ކެރިވަޑައިގެންނެވުމުން, ޑރ. ޝަހީމް މަގާމުގެ އަޅަކަށް ވެގެން ގޮސްފައިވާ މިންވަރު ވަރަށް ރަގަޅަށް ސާފުވެގެން ހިގައްޖެ ކަމުގައެވެ.
ޝަހީމްގެ އިތުރުން ރައީސް މުއިއްޒުވެސް ޔާމިނަށް މަރުހަބާ ވިދާޅުވެފައި ނުވެއެވެ.
ރައީސް ޔާމިން މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމަށް ބަލާއިރު, ރައީސް މުއިއްޒު ވިސްނުމާއި އަދި ހަސީލަތްވެސް ރައީސް ޔާމިންއާ ދޭތެރޭ ވަރަށްވެސް ނުބައިވެފައި ގޯސްކަން ސާފުވާން އެބަހުއްޓެވެ. އޭގެ އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި ފާހަގަވާން އޮތީ, ރައީސް މުއިއްޒު އަތް ބާނުއްވައިގެން, ހުކުމުގެ ނާޖާއިޒް ފައިދާ މަޖިލިސް އިންތިޚާބަށް ނެގުމުގެ ބޭނުމުގައި, މި ވަގުތަށް ރައީސް ޔާމިން މިނިވަން ކުރުމަށްފަހު, ސަރުކާރުން ބޭނުން ވެއްޖެ ހާލަތެއް ދަށު ކޯޓުން އަނެއްކާވެސް މައްސަލަ ބަލަންޖެހޭގޮތަށް މިއަދު ހައި ކޯޓުން ކުރި ހުކުމުން ފަރުމާ ކޮށްފައި އޮތުމެވެ.
ބޭނުމަކީ ސިޔާސީގޮތުން ރައީސް ޔާމިނަށް ބިރު ދެއްކުމެވެ. ކޯޓަށް ދަމާދެމުމަށް މުޅި ދައުރުގައިވެސް ނިމުމެއް ނުގެނައުމެވެ. ރައީސް ޔާމިންގެ އަނގައިގައި މަލަން އަޅުވާފައި އަދިވެސް ބެހެއްޓޭތޯ ބެލުމެވެ. މިހުކުމަށް އެކަނި ބަލާލި ނަމަވެސް ފާޅުވާން އޮތީ މުއިއްޒުގެ މަކަރުވެރިކަމާއި ހީލަތްތެރިކަމެވެ. ސިޔާސީ މަންފާއެއް ހާސިލްކުރުމަށް އަނެކުންނަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނުމަށްވެސް މުއިއްޒު ފަހަތަށް ނުޖެހޭނެ ކަމެވެ.
އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޔާމިންގެ ސަޕޯޓަރުންގެ ތާއީދެއް ހޯދުމުގެ އެއްވެސް ފުރުސަތެއް މުއިއްޒުއަށް ނެތްކަމެވެ. އެއީ ރައީސް މުއިއްޒުއަކީ ދޮގާއި މަކަރާއި ހީލަތް ހެދުމަށް އެއްވެސް ޖެހުލުމެއް ނުވާނެ ބޭފުޅެއްކަން ފާއިތުވި 4 މަސްދުވަހުން ވަރަށްވެސް ރަގަޅަށް ހާމަވެ ފެނިގެން ގޮސްފައިވާތީއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވެގެންދާނެކަމާމެދު ޝައްކު ކުރަނީ ވަރަށްވެސް މަދު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ