ފުލެޓު ލިސްޓަށް އުނިއިތުރެއް ނުގެނެސް ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލީހުން މިހެން ފާސްކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގައި ނެގުނު ވޯޓުގައެވެ. 
އެ ރިޕޯޓުގައި ކޮމިޓީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަމަށާ އޭގެ ސަބަބުން އާއްމުންނާއި ފުލެޓް ލިބުނު ފަރާތް ތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށްފައެވެ.
އަދި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައި އޮތްކަންވެސް ފާހަގަކޮށް ކޮމިޓީން ވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެލައްވާފައިވާ ގޮތަށް ގެޒެޓުކޮށްފައިވާ ފުލެޓު ލިސްޓަށް އެއްވެސް އުނި އިތުރު ނުގެނެސް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުމަށާއި ފުލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފުލެޓު ހަވާލުކުރަން ހުށަހަޅާފައެވެ. 
ކޮމިޓީގެ އެ ހުށަހެޅުމަށް ވޯޓަށް ހުޅުވާލުމުން އެ ރިޕޯޓްވަނީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ފާސްކޮށްފައެވެ. އެ ރިޕޯޓާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނެތެވެ.
ކޮމިޓީން މިހެން ނިންމާފައިވާއިރު، ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށްޓަކައި އަޅަން ފެށި 4000 ފުލެޓް އެޅުމުގެ މަސައްކަތް ނިމޭއިރު، ފުލެޓް ކޮމިޓީގެ މަސައްކަތް ނިމި، ފުލެޓްތައް އޭގެ ހައްގުވެރިންނަށް ދެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ބުނެފައެވެ. 
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.
އެހެން ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން އޭސީސީން ކުރިއަށް ގެންދިޔަ ތަހްގީގަށްފަހު، 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ