މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ދަޢުވާކުރަން ކޯޓަށް ހުށައަޅައިފި

ރިޝްވަތު ހިފުމުގެ މައްސަލައިގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫނަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ރިޝްވަތު ހިފުމުގެ މައްސަލައިގައި ޢަބްދުﷲ މައުމޫނަށާއި އޭނާގެ ޢާއިލާ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް މިމަހުގެ 18ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. މައުމޫނަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22ވަނަ ދުވަހުއެވެ.
މި މައްސަލާގައި އަބްދުﷲ މަޢުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާކޮށްދިނުމަށް ކޯޓަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ޢަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤުތަކުން ހާމަވެއެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަހުގީގުތަކަށް ފާހަގަވާކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މަޢުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މި މައްސަލައިގެ އަޑުއެހުމެއް ވީއެންމެ އަވަހަކަށް ބޭއްވުމަށް ކޯޓުގައި ދަންނަވާފައިވާ ކަމަށެވެ. އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކޮށްފިނަމަ އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި ޕީޖީން ވަނީ އެދިފައެވެ.
މިފަދަ އަމުރެއް ނެރުމުން އެ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް ދަޢުވާލިބޭ މީހާ ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ފުލުހުންނަށް ފަހިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ