ދިވެހިން ބޭނުންވަނީ އަމިއްލައަށް ކަންކަން ނިންމަންކަން މިހާރު ސާފްވާނެ - ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ދިވެހިން ބޭނުންވަނީ އަމިއްލައަށް ކަންކަން ނިންމަންކަން ސާފްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ދިވެހިން ނިންމި ނިންމުން މިހާރު ބޭރުގެ ފަރާތްތަކަށް ސާފް ވާނެ ކަމަށެވެ.
"ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށްވެސް މިހާރު ސާފްވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ޔަގީންވޭ، ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން، އަޅުގަނޑުމެންމީ ފަހުރުވެރި ދިވެހި ގައުމެއް. އަޅުގަނޑުމެންނަކީ މިނިވަން ކަމަށް ލޯބި ކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށްވެސް، މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީ ހުރިހާ ފަރާތްތަކަށްވެސް ސާފްވާން ވާނެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުަގަނޑުމެންގެ އަމިއްލައަށް ކަންކަން ނިންމަންކަން، މުހިންމީ ދިވެހީންގެ ކަންކަން ދިވެހިން ބަސް ބުނެ، ދިވެހިން ބޭނުންވާ ގޮތަކަށް ކުރަންކަން މިހާރު ސާފް ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލާ، ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމުގެ ވައުދު ތާއަބަދަށް މި ގައުމުގައި ފުއްދިގެން ދާނެ ކަަމަށެވެ.
"އަޅުގަނޑުމެންގެ ހަލާކުވަމުން ނެތިވަމުން ދިޔަ، އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް، މި ފަސް މަހު ކުރެވުނު މަސައްކަތް ހަގީގަތުގައި ވަރަށް ގިނަ، އެހެން ނަމަވެސް ދެން ރައްޔިތުންގެ މަޖިލީސް ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ، ފުރިހަމަ ކުރުމާއި އެކީގައި އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ ކޮށްދިނުމަށް ކުރާ ބުރަ މަސައްކަތް ކޮށްދިނުން، އެކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފަނާއި ޓީމަކީ ބަހަނާ ދައްކާ ބައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެންނަކީ އިހުލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރަން ތިބި ބައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ