އީދުން ލިބޭ ހިތްހަމަޖެހުމަށް ވާންވާނީ އާއިލާއާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިވުން: ރައީސް

އީދުގެ ހަގީގީ ޒީނަތްތެރިކަމަކީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކޮށް، ދަރީންނަށް ދައްކުވައިދޭ ރިވެތި ނަމޫނާއާއި ދޭ ނަސޭހަތްތަކުން ލިބޭ ތަސައްލީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އުފާވެރި އަޟްހާ އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހީންނަށާއި އިސްލާމީ އުންމަތަށް އަރިސްކުރައްވައި ފޮނުއްވި ޚިތާބުގައެވެ. އީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުންކަން ރައީސްގެ ޚިތާބުގައިވަނީ ފާހަގަ ކުރައްވައިފައެވެ. އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅާލައި އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވައިފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައެވެ. މިފަދަ ކޮންމެ އީދަކު ވެސް، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ ހަނދާން ރައީސް އައު ކުރެއްވިއެވެ. ވަކީން ޚާއްސަކޮށް، ފަލަސްތީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުއާތަކުންކަން ފާހަގަ ކުރެއްވިއެވެ. ރައީސްގެ ޚިތާބުގައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރައްވައިފައެވެ. "މުސްލިމުންގެ މުގައްދަސް މިސްކިތުގެ ހިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ހައްގުގައި، ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށިއެވެ. ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވާށިއެވެ. އާމީން" ރައީސް ފޮނުއްވި ޚިތާބުގައިވެއެވެ. ޚިތާބުގައި ރައީސްވަނީ މުސްލިމު އުންމަތުގެ ދަރަޖަ މަތިވެރިވެރިވަނީ، ހެޔޮ ކަންކަމުގައި ހިފަހައްޓައި، އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކު ކަމުގައިވާތީކަން ފާހަގަ ކުރައްވައިފައެވެ. އަދި ކޮންމެ ނޭއްގާނީ ކަމަކާ ދުރުހެލިވެ، އަނެކުންވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅާތީކަން ފާހަގަ ކުރައްވައިފައެވެ. ޚިތާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ. އަދި ދިވެހި ގައުމު، ނަސްރާއި، ނަސީބާއި، ފާގަތިކަންމަތީ ލެހެއްޓުން އެދި ދުއާ ދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ