ލިވަޕޫލް ޕާޓްނާޝިޕްގެ ސަބަބުން އަހަރަކު ލައްކައަކަށް ވުރެން ގިނަ ފަތުރުވެރިން އަންނާނެ: ތޯރިގް

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓަބޯޅަ ކްލަބާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހެދި ޕާޓްނާޝިޕްގެ ސަބަބުން އަހަރަކު އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާނެ ކަމަށް, ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ލިވަޕޫލް ފުޓްބޯޅަ ކްލަބުން އެ ކެމްޕެއިން ލޯންޗުކުރީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެ ކެންޕެއިނާ ގުޅުވައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ތޯރިގް ވިދާޅުވީ، އެ ޕާޓްނާޝިޕްގެ ސަބަބުން މި އަހަރަށް ކަނޑަޅާފައިވާ އަމާޒު ކަމަށްވާ 2.3 ފަތުުރުވެރިންނަށް ވުރެ އިތުރަށް މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވަޒީރު ތޯރިގް ރައީސް މުއިއްޒާއެކު ލިވަޕޫލްގައި ---- ފޮޓޯ/ ރައީސް އޮފީސް އެއާއެކު، ލިވަޕޫލްގެ 200 މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަގުފަހިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ލިވަޕޫލްގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް 397 މިލިޔަން މީހުންނަށް މީޑިއާ ރީޗްވެފައި އެބަހުރި. މި މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއް މި ފަހިވަނީ އޭގެ އިތުރަށް ވަޒީރު ތޯރިގް ވަނީ، ލިވަޕޫލާއެކު ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން، އެ ކުލަބާ ގުޅިގެން ޓެކްސީތަކާ ބަސްތައް މެދުވެރިކޮށް ލަންޑަންގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ލިވަޕޫލްގެ ދަނޑުގައި ބިލުބޯޑުތައް ބޭނުންކޮށްގެން އިޝްތިހާރު ކުރެވޭނެ ކަން ވަޒީރު ތޯރިގް ފާހަގަކުރެއްވިއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ލިވަޕޫލްއަށް ސަޕޯޓުކުރާ މީހުންގެ އަދަދު 500 މިލިއަނަށް އަރައެވެ. މި ކެމްޕޭނުގެ މަގުސަދަކީ ލިވަޕޫލްގެ މަގްބޫލުކަމުގެ ބޭނުންހިފައި، ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމެވެ. ލިވަޕޫލުގެ ދަނޑުގެ ވަށައިގެން ޖަހާފައިވާ ލެޑް ބޯޑްތަކުން ރާއްޖެ އިސްތިހާރު ކުރަން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ 2.5 މިލިއަން ޑޮލަރުގެ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ