އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން ޕާޓީ ހިންގަން ކޮމިޓީއަކާ ހަވާލުކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅަން އެ ޕާޓީ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި އެވެ.
ވީކިހިނެއް؟ - އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ އެހެން ލީޑަރުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.
އެހެންވެ އިއްޔެ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ ނުވަތަ ނެޝަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ.
ތަފްސީލް - ގައުމީ ހިންގާ ކޮމިޓީގެ މެންބަރަކު 'ދައުރު'އަށް މިއަދު ވިދާޅުވީ އެ ކޮމިޓީގައި އިއްޔެ މަޝްވަރާކުރުމަށް ފަހު ނިންމީ ތިން މެންބަރުންގެ ވަގުތީ ކޮމިޓީއަކާ ޕާޓީގެ ހިންގުން ހަވާލުކުރުމަށް ކަމަށެވެ.
ގައުމީ ހިންގާ ކޮމިޓީގެ ނިންމުން، ގައުމީ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި ގައުމީ ހިންގާ ކޮމިޓީން މިހާރު ވަނީ އެދިފަ އެވެ.
"ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބޭނުމެއް ނުވި އެ މަނިކުފާނު އެކަނި ހަވާލުވުމަށް. އެހެންވެ ހުރިހާ ލީޑަރުން މަޝްވަރާކޮށްފައި ނިންމީ ގައުމީ މަޖިލީހުން ތިން މެންބަރެއްގެ ކޮމިޓީއެއް ނަގައިގެން ކުރިއަށްދާން،" ގައުމީ ހިންގާ ކޮމިޓީގެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވެސް ބުނީ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ކަނޑައެޅުމަށާއި ޗެއާޕާސަން އިންތިހާބުކުރާނެ ތާރީހެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވީހާ ވެސް އަވަހަށް ބާއްވައިދިނުމަށް ގައުމީ ހިންގާ ކޮމިޓީން އެދިފައިވާ ކަމަށެވެ.
އެނގުން މުހިންމު - ގައުމީ ހިންގާ ކޮމިޓީއަކީ ގައުމީ މަޖިލީހާ ޖެހިގެން އެމްޑީޕީގެ އެންމެ އިސް ގުނަވަނެވެ. ގައުމީ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ:
ޗެއާޕާސަން އާއި ޗެއާޕާސަންގެ ނައިބުން
ޕާޓިގެ ރައީސް އާއި ނައިބު ރައީސް
ވެރިކަމުގައި އެމްޑީޕީ އޮންނަ އިރު، ރައީސް އާއި ނައިބު ރައީސް އަދި ކެބިނެޓްގެ ފަސް މިނިސްޓަރެއް
ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންނާއި ނައިބު ލީޑަރުންގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ 10 މެންބަރުން
އަންހެނުންގެ ރޫހުގެ ރައީސް އާއި ޒުވާނުންގެ ހިތްވަރުގެ ރައީސް
ފާހަގަކޮށްލެވޭ - އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ގެންދަވަނީ ކެމްޕެއިންކުރައްވަމުންނެވެ. ނަމަވެސް ރަސްމީކޮށް ސޯލިހް އާއި ޝާހިދު އަދި އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި ބަހުސްގެ ތެރެއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަދެވަޑައިގެން، އިއްޔެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސޯލިހް އާއި އެ މަނިކުފާނު ވެސް ފަހަތަށް ޖެހިވަޑައިގެން އާ ކެންޑިޑޭޓެއް ނެރުމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހާ ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީން ވަކިވި ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން އަލުން އެ ޕާޓީއާ ގުޅުނު ފަހުން އެ ފެކްޝަން މަސައްކަތްކުރަމުން ގެންދަނީ ފައްޔާޒާ އެކީގަ އެވެ.
އެމްޑީޕީގެ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ގައުމީ މަޖިލީހަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ